އިޓަލީގެ ފަސް ޑައިވަރުންގެ މަރުގެ ސަބަބު ޕޯސްޓްމޯޓަމުން ކަށަވަރުކޮށްފި
ވ. އަތޮޅު ކަނޑުއަޑީގެ ހޮހޮޅައެއްގައި ޑްރައިވް ކުރަނިކޮށް މަރުވި އިޓަލީގެ ޑައިވަރުން މަރުވާން ދިމާވި ސަބަބު ޕޯސްޓްމޯޓަމް ހަދައިގެން ކަށަވަރުކޮށްފި އެވެ.
މެއި 14 ވަނަ ދުވަހު ހިނގި މި ހާދިސާގައި އިޓަލީގެ ފަސް ޑައިވަރަކު މަރުވި އެވެ. އެމީހުންގެ ހަށިގަނޑުތައް ކަނޑުއަޑިން ނެގީ ހާދިސާ ހިނގިތާ ފަސް ދުވަސް ފަހުންނެވެ.
މިހާދިސާގައި މަރުވީ އިޓަލީގެ ޖެނޯއާ ޔުނިވަސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޢުމުރުން 51 އަހަރުގެ މޮނިކާ މޮންޓެފަލްކޯން އާއި، އެ ޔުނިވަސިޓީގައި ކިޔަވަމުންދިޔަ އޭނާގެ 20 އަހަރުގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމާކަލް އާއި، އެ ޔުނިވަސިޓީގެ ދެ ދިރާސާވެރިން ކަމުގައިވާ 31 އަހަރުގެ މިއުރިއަލް އޮޑެނީނޯ އާއި 31 އަހަރުގެ ފެޑެރިކޯ ގުއަލްޓިއޭރީ އާއި، 41 އަހަރުގެ ޑައިވިން އިންސްޓްރަކްޓަރު ގިއަންލޫކާ ބެނެޑެޓީއެވެ.
ޕޯސްޓްމޯޓަމް ރިޕޯޓުގެ ނަތީޖާގައި ބުނެފައިވަނީ އެމީހުން މަރުވެފައިވަނީ އޮކްސިޖަން ހުސްވެގެން ކަމަށެވެ.
ޕޯސްޓްމޯޓަމް ރިޕޯޓުގައި ހުރި ކަންކަން ފާހަގަކޮށް ޑައިވް މެގަޒިންގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޓޮކްސިކޮލޮޖީ ތަހުލީލުތަކުން، އެ ފަސް މީހުންގެ ހަށިގަނޑުގައި ނުރައްކާތެރި އެއްވެސް މާއްދާއެއް ހުރި ކަމަކަށް ނުދައްކާ ކަމަށްބުނެފައިވެ އެވެ. ނޭވާލުމަށް ބޭނުންކުރި ވައި ތަޣައްޔަރުވެފައި ނެތް ކަމާއި، ފެނު އަޑީގައި ހޭނެތިދާ ފަދަ ޙާލަތެއް ކުރިމަތިވެފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
އަދި މަސްތުވާތަކެއްޗާއި ބަނގުރަލުގެ އެއްވެސް އަސަރެއް ނެތް ކަން ވެސް ކަށަވަރުވެފައިވެއެވެ. ހަމައެހެންމެ، ބޮޑެތި ޖިސްމާނީ ގެއްލުމެއް ހަށިގަނޑުން ފެންނަން ނެތް ކަމާއި، މިޔަރެއްގެ ހަމަލާއެއް ފަދަ ކަމެއް ހިނގި ކަމުގެ ތުހުމަތުތައް ވެސް ހަޤީގަތެއް ނެތް ކަމަށް ވަނީ ސާބިތުވެފައެވެ.
އެ ޑައިވަރުންގެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެމްއެންޑީއެފްގެ އެންމެ ތަޖުރިބާކާރު ޑައިވަރުންގެ ތެރޭގައި ހިމެނޭ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވެފައިވެ އެވެ. އެ ފަސްމީހުން ކަނޑުގެ އަޑިން ނެގީ އިޓަލީ ސަރުކާރުން ފޮނުވި ކަނޑުއަޑީގެ ހޮހޮޅަތަކަށް ވަނުމުގެ ތަޖުރިބާކާރުން ކަމަށްވާ ފިންލެންޑުގެ ޓީމަކުންނެވެ.
އެމީހުންގެ ޕޯސްޓްމޯޓަމް ހެދީ އިޓަލީއަށް ގެންގޮސް އެ ގައުމު ސަރުކާރުން ހިންގި ތަހުގީގުގެ ތެރެއިންނެވެ.