ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ދަރަވަންދޫ ފަރު އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ބ. ދަރަވަންދޫގެ ފަރުތައް ދިރުވައި އާލާކުރުމުގެ މަޤުޞަދުގައި ދިރާގާއި ސޮނެވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސް (ސޮނެވާ ސީއެސްއެމް) އާ ދެމެދު ޕާޓްނަޝިޕެއް ޤާއިމުކޮށްފިއެވެ.
"ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ގެ ނަމުގައި ހިންގުމަށް ރާވާފައިވާ މި މަޝްރޫޢުގައި ސޮނެވާ ސީއެސްއެމްގެ ފަންނީ ތަޖުރިބާގެ އެހީގައި، ދަރަވަންދޫގެ މަދަނީ ޖަމިއްޔާ މުރަކަ ފާމާ ގުޅިގެން އެ ރަށުގެ ފަރުގެ ދިރުން އިޢާދަކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ޔުނެސްކޯ ބަޔޯސްފިއާ ރިޒާވުގައި ހިމެނޭ އަދި ހަނިފަރު ބޭއާ ކައިރީގައި އޮންނަ ދަރަވަންދޫގެ ފަރުތަކަކީ އެ ރަށުގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ ޤުދުރަތީ ވަސީލަތެކެވެ.
މި ޕްރޮގްރާމްގެ ތެރެއިން 30 އާއި 50 އާ ދެމެދުގެ ނާސަރީ ސްޓްރަކްޗާ ހިމެނޭ ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ވަނީ ރޭވިފައެވެ. އޭގެ އިތުރުން ޒަމާނީ ސައިންސާއި ރީސާޗްގެ އެހީގައި ފަރު ދިރުވައި އާލާކުރުމުގެ ފަންނީ ހުނަރު ޒުވާނުންނަށާއި ދަރިވަރުންނަށާއި ވިޔަފާރިތަކުގެ ބައިވެރިންނަށާއި ޢާންމު ރައްޔިތުންނަށް ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި އަހަރުގެ ފަހުކޮޅު ފަރު އާލާކުރުމުގެ ޢަމަލީ ހަރަކާތްތަކާ އެކު ޚާއްޞަ ފެސްޓިވަލެއް ދަރަވަންދޫގައި ބޭއްވުމަށް ވެސް ވަނީ ރޭވިފައެވެ.
ޕާޓްނަޝިޕް ޤާއިމުކުރުމުގެ ހަރަކާތުގައި ދިރާގުގެ ސީނިއާ މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ މިއީ މުޖުތަމައުގެ އިސްނެގުމާއި ފުރިހަމަ ބައިވެރިވުމާއެކު ދެމެހެއްޓެނިވި ގޮތަށް ކުރިއަށްދާނެ ކަމަކަށްވުމަކީ އުންމީދެއްކަމަށެވެ. މީގެ ސަބަބުން މުރަކަ އާލާކުރުމާއި، ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް ބޭނުންވާ ހުނަރާއި މައުލޫމާތު އަށަގަންނުވައި، އަންނަން އޮތް ޖީލުތަކަށް ތިމާވެށި ރައްކާތެރިކުރުމަށް އެހީތެރިކަންފޯރުކޮށްދެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.
ފޮޓޯ: ދިރާގު
ސޮނެވާ ސީއެސްއެމްގެ ޑައިރެކްޓާ އޮފް އޮޕަރޭޝަންސް ޖޯހާނާ ލިއޮންހާޑް (ޕީއެޗްޑީ) ބުނީ ދިރާގާއި ގުޅިގެން މުރަކަ ފާމާއި، ސީދާ ދަރަވަންދޫގެ ރައްޔިތުންގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މުރަކަ ރެސްޓޯރޭޝަން ޕްރޮގްރާމަށް އެހިތެރިކަން ފޯރުކޮށްދިނުމަކީ އެކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ. މިފަދަ މަސައްކަތްތަކުން ދާއިމީ ނަތީޖާއެއް ހާސިލުކުރެވޭނީ، އެކަމަށް ބޭނުންވާ އިލްމާއި ހުނަރު މުޖުތަމައުތެރޭގައި ދިރުވައިގެންކަން އޭނާ ފާހަގަ ކުރި އެވެ.
އެހެންކަމުން، ދިރުން ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ އަމަލީ ތަމުރީނު ތަކާއެކު މުޖުތަމައު ބާރުވެރިކުރުވާ، މުރަކަ އާލާކުރުމާއި ފަރުތައް ބެލެހެއްޓުމުގެ މަސައްކަތް އެ ރަށުގެ އިސްނެގުމުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުން ކަމަށް ޖޯހާނާ ބުންޏެވެ.
ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމަކީ ދިރާގުގެ އިޖުތިމާޢީ ޒިންމާގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ދާއިރާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. ސޮނެވާ ސީއެސްއެމް އަކީ މުރަކަ އާލާކުރުމާއި ކަނޑުގެ ދިރާސާތައް ކުރުމާއި ތިމާވެށި ޙިމާޔަތްކުރުމުގެ ރޮނގުން ސައިންޓިފިކް ހޯދުންތަކާއި ޢަމަލީ މަސައްކަތުގެ މައްޗަށް ބިނާކޮށް ޙަރަކާތްތެރިވާ މަދަނީ ޖަމިއްޔާއެކެވެ.