Advertisement

ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމާއި އުކުޅުތައް ހިއްސާކުރުމަށް އެމްއެންޔޫއިން ސިމްޕޯޒިއަމެއް ފަށައިފި

07 Oct 2026 | 14:39
ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް -- ފޮޓޯ: އެމްއެންޔޫ

ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމާއި އައު އުކުޅުތައް ހިއްސާކުރުމުގެ މަޤުޞަދުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ން "އެމްއެންޔޫ-އެޖް 2026" ގެ ނަމުގައި ދެ ދުވަހުގެ ސިމްޕޯޒިއަމެއް މިއަދު ފަށައިފިއެވެ.

މި ސިމްޕޯޒިއަމްގައި އެ ޔުނިވާސިޓީގެ 290 އެކެޑެމިކް މުވައްޒަފުން ބައިވެރިވެ އެވެ. ސިމްޕޯޒިއަމްގެ ޝިއާރަކީ "ތަޢުލީމީ މަޝްވަރާއާއި އީޖާދީ ވިސްނުމުގެ ތެރެއިން ކިޔަވައިދިނުމުގެ ފެންވަރު ކުރިއެރުވުން"އެވެ.

Advertisement

މި ސިމްޕޯޒިއަމް ރަސްމީކޮށް ހުޅުއްވައިދެއްވީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމެވެ. ހުޅުވައިދެއްވާ ވާހަކަ ދައްކަވަމުން ވައިސް ޗާންސެލަރ ވަނީ ކިޔަވައިދިނުމާ ގުޅޭ ޢިލްމީ ދިރާސާގެ ސަގާފަތެއް ޔުނިވަރސިޓީގައި އާލާކުރެއްވުމުގެ ތަޞައްވުރު ހިއްސާކުރައްވައިފައެވެ.

އެގޮތުން ދަރިވަރުންގެ ތަޢުލީމީ ތަޖުރިބާ އެކެޑެމިކް ޕްރެކްޓިސްގެ މައި ތަނބެއް ކަމުގައި ހެއްދެވުމަށާއި، މުދައްރިސުން އެބައިމީހުންގެ ކިޔަވައިދިނުމުގެ ވައްޓަފާޅި ތަރައްޤީކުރެއްވުމަށް ބާރުއެޅުއްވިއެވެ.

މި ދެ ދުވަހުގެ ތެރޭގައި 12 ޕްރެޒެންޓޭޝަނެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޢަމަލީ ގޮތުން ކިޔަވައިދިނުމުގެ ތަފާތު ވައްޓަފާޅިއާއި ވަސީލަތްތައް ދައްކައިލާ ހަތަރު ލައިވް ޑެމޮންސްޓްރޭޝަނަކާއި، ކްލާސްރޫމް ތަޖުރިބާތަކާއި ގޮންޖެހުންތަކާ މެދު މަޝްވަރާކުރާ 15 ލާނިން ސާކަލް ސެޝަނެއް ވެސް ކުރިއަށް ގެންދާ ގޮތަށް ވަނީ ރޭވިފައެވެ.

އެމްއެންޔޫން ބުނިގޮތުގައި މި ސިމްޕޯޒިއަމަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ހަތަރު ވަނަ ލަނޑުދަނޑި ކަމުގައިވާ ފެންވަރު ރަނގަޅު ތަޢުލީމާއި، ނުވަ ވަނަ ލަނޑުދަނޑި ކަމުގައިވާ އީޖާދީ ވިސްނުމާ ގުޅޭ ޢުމްރާނީ ތަރައްޤީއާއި، 17 ވަނަ ލަނޑުދަނޑި ކަމުގައިވާ ގުޅިގެން ލަނޑުދަނޑި ހާސިލުކުރުމަށް އެހީތެރިވެދޭ ހަރަކާތެއް ކަމަށެވެ.

މި ސިމްޕޯޒިއަމް މެދުވެރިކޮށް، ކިޔަވައިދިނުމާ މެދު ފުންކޮށް ވިސްނައި، ގުޅިގެން މަސައްކަތްކޮށް، އީޖާދީ ގޮތްތައް ތަޖުރިބާކުރުމުގެ ސަގާފަތެއް ޔުނިވަރސިޓީގައި ދެމެހެއްޓުމަށް އެމްއެންޔޫން ދަނީ މަސައްކަތްކުރަމުންނެވެ.

Advertisement

ކޮމެންޓް