Advertisement

ހުޅުމާލޭ ސޯޝަލް ހައުސިންގެ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު

07 Oct 2026 | 14:08
ހުޅުމާލޭ ފޭސް އެކެއްގެ ފްލެޅޫތަކެއް --

ހުޅުމާލެއިން ސޯޝަލް ހައުސިން ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓްގައި ކުލި ނުދައްކައި މީހުން ދިރިއުޅެމުންދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ޢަލީ ޒުހައިރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ އެޗްޑީސީގެ ބެލުމުގެ ދަށުގައި 12،000 އަށް ވުރެ ގިނަ ފްލެޓު އޮތް ކަމަށެވެ. އެ ފްލެޓުތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ތަނުގައި ދިރިއުޅޭ ފަރާތްތައް ކުލި ނުދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ. ކުލި ނުދެއްކުމުގެ މައިގަނޑު ސަބަބަކީ މާލީ ދަތިކަން ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

"އަޅުގަނޑުމެންނަކީ ބާރަ ހާހަށް ވުރެ ގިނަ ފްލެޓު ބަލަހައްޓަމުންދާ ބައެއް. ކުލި ނުލިބޭ ފަސެންޓޭޖަށް ބަލާކަމަށްވަންޏާމުން 50 ޕަސެންޓަކީ އެކި ކަހަލަ ކަންތައްތައް ދިމާވެގެން، އެ މީހުންނަށް މާލީ ހާލަތު ދިމާވެގެން ކުލި ނުދައްކާ އުޅޭ 50 ޕަސެންޓް،" ޒުހައިރު ވިދާޅުވިއެވެ.

ކުލި ނުދައްކާ ފަރާތްތަކުގެ ތެރޭގައި ފްލެޓަށް ވަން ފަހުން އެއްވެސް ވަރަކަށް ފައިސާ ނުދައްކާ މީހުންނާއި ގަވާއިދުން ކުލި ނުދައްކާ މީހުން ވެސް ހިމެނޭ ކަމަށް އެޗްޑީސީން ފާހަގަކޮށްފައިވެއެވެ. ކުލީގެ ގޮތުގައި ނުލިބި ހުރި ފައިސާގެ ޖުމްލަ 700 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާ ކަމަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މިދިޔަ އަހަރުގެ މެއި މަހު އެޗްޑީސީން ހާމަކޮށްފައިވެއެވެ.

ކުލި ދެއްކުމަށް ބާރު އެޅުމުގެ ގޮތުން ކޮންމެ ތިން މަހަކުން ނޯޓިސް ފޮނުވުމުގެ މަސައްކަތް ވެސް އެ ކޯޕަރޭޝަނުން ވަނީ ފަށައިފައެވެ.

މީގެ އިތުރުން ފްލެޓުތައް ކުއްޔަށް ދީފައި ހުރިތޯ ބެލުމުގެ މަސައްކަތް ވެސް އެޗްޑީސީން ކުރަމުން އަންނަ ކަމަށް ޒުހައިރު ވިދާޅުވިއެވެ. ހިޔާ ފްލެޓުތައް މިހާރު އެއްކޮށް ބަލައި ނިންމާފައިވާ ކަމަށާއި، ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ފްލެޓުތަކުގައި ދިރިއުޅޭ ބިދޭސީން ނެރުމަށް ވެރިފަރާތްތަކަށް އެންގުމަށް އިސްކަން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެފަދަ ކަމެއް ފާހަގަވެއްޖެނަމަ ވެރިފަރާތަށް ސިޓީ މެދުވެރިކޮށް އެކަން އަންގަމުން ގެންދާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް