Advertisement

މަސްތުވާތަކެއްޗާއެކު ބެންކޮކުން ދެ ދިވެއްސަކު ހައްޔަރު

07 Oct 2026 | 13:37
ޑްރަގާއި އެކު ހައްޔަރު ކުރި ދިވެހިން --

ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ބޭރު ގައުމަކަށް ފޮނުވުމަށް ތައްޔާރުކޮށްފައި ހުރި ޕާރުސަލްތަކެއްގެ ތެރޭގައި ފޮރުވާފައި ހުރި 2.37 ކިލޯގެ ކްރިސްޓަލް މެތެމްފެޓަމީނާއި ގާތްގަނޑަކަށް 10 ކިލޯގެ ކެނެބިސް އާ އެކު ދެ ދިވެއްސަކު އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

ހައްޔަރުކުރި ދެ މީހުންނަކީ އުމުރުން 46 އަހަރުގެ އަލީ އާއި 34 އަހަރުގެ މުހައްމަދު ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ގައުމުގެ ފުލުހުން ހާމަކުރި ގޮތުގައި ކްރިސްޓަލް މެތެމްފެޓަމީން ފޮރުވާފައި ހުރީ ސްޓެއިންލެސް ސްޓީލް އިންސިއުލޭޓެޑް އަށް ތައްޓެއްގެ ތެރޭގައެވެ. ކޮންމެ ތައްޓެއްގައި ގާތްގަނޑަކަށް 200 އާއި 300 ގްރާމާ ދެމެދުގެ އަދަދެއް ހުއްޓެވެ. ކެނެބިސް ބަންދުކޮށްފައި ހުރީ ކުޑަކުދިންގެ ހެދުންތަކެއްގައި ވަރަށް ބާރަށް އޮޅާލައި، ކުޅޭ ސާމާނާއި ކުޑަކުދިންގެ އެހެނިހެން ތަކެތީގެ ތެރެއަށް ލައިގެންނެވެ.

Advertisement

މި މައްސަލައިގެ ތަހުގީގު ފެށުނީ އޮކްޓޫބަރު ފަސް ވަނަ ދުވަހު ޕްރަތޫނާމް ސަރަހައްދުގައި ހުންނަ ކާގޯ ކުންފުންޏެއްގެ މުވައްޒަފަކަށް ބޮޑެތި ޕާރުސަލްތަކަކުން ނުބައި ވަހެއް ދުވާކަން ފާހަގަކުރެވުމުންނެވެ. އެ ޝިޕްމެންޓު ގަބޫލުކުރަން އެ މުވައްޒަފު ދެކޮޅު ހެދުމަށް ފަހު ފުލުހުންނަށް ރިޕޯޓުކުރީއެވެ. ފުލުހުން ބެލިބެލުމުން، ރާޗަތޭވީ ޑިސްޓްރިކްޓުގެ ސޮއި ފެޗަބޫރީ 11 ގައި ހުރި އިމާރާތެއްގެ ތިރީގައި އެ ޕާރުސަލްތައް ރައްކާކޮށްފައި ހުރިކަން އެނގުނެވެ. ތުހުމަތުކުރެވޭ ދެ މީހުން އެހެން ޑެލިވަރީ ކުންފުންޏެއް މެދުވެރިކޮށް ފޮނުވުމަށް ތައްޔާރުވަމުން ދިޔަ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ދެ މީހުން ޕާރުސަލްތައް ކުރޮޅިއެއް ތެރެއަށް ލާ މަންޒަރު ފެނުމާ އެކު ފުލުހުން އެ ތަނަށް ވަދެ، ފަސް ބޮޑު ޝިޕިން ފޮއްޓާ އެކު މަސްތުވާތަކެތި ހޯދައިފައިވެއެވެ.

ދެ މީހުން ވެސް ޕަޔާ ތައި ޕޮލިސް ސްޓޭޝަނަށް ގެންގޮސް، ހުއްދައެއް ނެތި ކެޓެގަރީ އެކެއްގެ މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ މެތެމްފެޓަމީން ވިއްކުމުގެ ނިޔަތުގައި ގެންގުޅެ، ބެހެއްޓި ކަމުގެ ދައުވާ ދެ މީހުންގެ މައްޗަށް ވަނީ އުފުލައިފައެވެ. ނަމަވެސް ދެ މީހުން ވެސް ކުށަށް އިންކާރުކޮށް، ބުނެފައިވަނީ ރައްޓެއްސަކު ޕާރުސަލްތައް އިންޑިއާއަށް ދާ ކާގޯ ހިދުމަތަކަށް ގެންގޮސްދިނުމަށް އެދުނީ ކަމަށާއި، ޕެކޭޖުތަކުގައި ގައިރު ގާނޫނީ ތަކެތި ހުރިކަން ނޭނގޭ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ތުހުމަތުކުރެވޭ ދެ މީހުންގެ ވާހަކަ ގަބޫލުނުކުރެވޭ ކަމަށާއި، ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ މަސްތުވާތަކެތީގެ ނެޓްވޯކަކާ ގުޅުން އޮތްތޯ ބަލަމުންދާ ކަމަށެވެ.

Advertisement

ކޮމެންޓް
ހުންގާނު
ހޮޅިހާލި ކިޔައިގެން ރާއްޖޭން ބެޗުނަސް ތިޔަތަނަކުން ސަލާމަތެއް ނުވެވޭނެ.
07 Oct 2026