ކަޅު ކަނޑުގައި ޑްރޯން ހަމަލާތަކެއް އަމާޒުވެ މުދާ އުފުލާ ބޯޓެއް އަޑިއަށް ގޮސް، ފަޅުވެރިން ގެއްލިއްޖެ
ބަލްގޭރިއާގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ދަތުރު ކުރަމުން ދަނިކޮށް ރޭ ދަންވަރު ޑްރޯން ހަމަލާތަކެއް އަމާޒުވި މުދާ އުފުލާ ދެ ބޯޓުގެ ތެރެއިން އެއ ބޯޓު އަޑިއަށް ގޮސް ފަޅުވެރިންތައް ގެއްލިއްޖެ އެވެ.
ބަލްގޭރިއާގެ ބޮޑުވަޒީރު ރޫމެން ރާދެވް ޓީވީ މެދުވެރިކޮށް ވިދާޅުވި ގޮތުގައި، އެ ދެ އުޅަނދަށް ހަމަލާ އަރާފައިވަނީ އެ ގައުމުގެ ބައިލާ ކިޔާ ރަށުގެ އިރަށް ގާތްގަނޑަކަށް 70 ނޯޓިކަލް މޭލު ރޭ ދަންވަރު ދަތުރު ކުރަމުން ދަނިކޮށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ގަސްދުގައި ދިން ހަމަލާއެކެވެ.
ނަމަވެސް ވައިގެ ޑްރޯންތައް ބޭނުންކޮށްގެން ދެ އުޅަނދަށް ދިން މި ހަމަލާގެ ފަހަތުގައި ތިބީ ކޮން ބައެއް ކަމެއް ރާދެވް ހާމަކުރައްވާފައެއް ނުވެއެވެ.
ްބަލްގޭރިއާގެ ޝިޕިން ޚަބަރު ފޯރުކޮށްދޭ މެރިޓައިމް ޑޮޓް ބީޖީން ބުނި ގޮތުގައި އަޑިއަށް ދިޔައީ އަލްފާ ވަޠަން ނަމަކަށް ކިޔާ ބޯޓެކެވެ.
ދެ ބޯޓަށް ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭން ދިޔައީ އެ ސަރަހައްދުން ދަތުރު ކުރި ބަލްގޭރިއާގެ ޑިއޮސްކޫރިއާ ފެރީ އެކެވެ. އެ ބޯޓުން ބުނީ އެ ސަރަހައްދަށް ދިޔަ އިރު އެއް ބޯޓު ފެންނަށް ނެތް ކަމަށާއި ފެން މަތީ އޮތީ ބަންޑުން ޖަހާލާފައި އޮތް ލައިފއ ބޯޓަކާއި ލައިފް ޖެކެޓުތަކެއް ކަމަށެވެ.
ގެއްލުނު ބޯޓުގައި ތިބީ ކިތައް ފަޅުވެރިންކަމެއްވެސް އަދި ނޭނގޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ބަލްގޭރިއާ ކޯސްޓްގާޑުން ވަނީ މިހާރު ސާޗް އޮޕަރޭޝަން ފަށާފައި އެވެ.
ހަމަލާ އެރި ދެ ވަނަ ބޯޓުގައި ރޯވި ނަމަވެސް، ޑިއޮސްކޫރިއާ ފެރީން ވަނީ އެ ބޯޓުގެ 18 ފަޅުވެރިން ސަލާމަތްކޮށްފައެވެ. އޭގެ ތެރެއިން 11 މީހުންނަކީ ތުރުކީ ރައްޔިތުން ކަމަށް ވާއިރު ހަތް މީހުންނަކީ އިންޑިއާ ރައްޔިތުންނެވެ. ސަލާމަތްކުރި މީހުންގެ ތެރެއިން ދެ މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި ރޭ އެ ދެ އުޅަނދުންވެސް ނުރައްކަލުގެ ސިގްނަލް ފޮނުވާފައިވެ އެވެ.
މި ހާދިސާ ހިނގީ، ކަޅު ކަނޑުގައި ގޮދަން ހިފައިގެން ދަތުރުކުރި ތުރުކީ ބައެއްގެ މުދާ އުފުލާ ބޯޓަކަށް ޑްރޯން ހަމަލާއެއް އެރި ދުވަހުގެ އެއް ދުވަސް ފަހުންނެވެ. ރަޝިއާ ޔޫކުރެއިން ހަނގުރާމައިގެ ތެރޭގައި ކަޅު ކަނޑުގައި ރަޝިއާ ހަމަލާތައް އިތުރުކުރަމުން ގެންދާ ދަނޑިވަޅެއްގައި ހިނގި މި ހާދިސާއާ ގުޅޭ ގޮތުން ރަޝިއާ އެއްޗެއް ބުނެފައެއް ނުވެއެވެ.