ބްރިޖަށް ކަސްރަތަށް ހިނގަންދާ އަންހެނަކަށް ތިން މަސް ވަންދެން ފުރައްސާރަކުރި މައްސަލައެއް ބަލަނީ
ސިނަމާލެ ބްރިޖުގައި ފަތިހު ކަސްރަތަށް ނުކުންނަ އަންހެނަކަށް ފިރިހެނަކު ތިން މަސް ދުވަހު ތަކުރާރުކޮށް ފުރައްސާރަކުރި ކަމުގެ ތުހުމަތަށް ފުލުހުން މައްސަލަ ބަލަން ފަށައިފި އެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލަ ހުށަހެޅީ މިއަދު ހެނދުނުއެވެ. ނަމަވެސް މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.
އެ އަންހެންމީހާގެ ޝަކުވާ ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅީ ފުލުހުންގެ 119 އަށް ގުޅުމުން އެތަނަށް ދިޔުމަށް ފުލުހުން އެދުމާ ގުޅިގެން ކަމަށް އާންމުކޮށްފައިވާ ވީޑިއޯގައި ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން އެ އަންހެންމީހާ، ތުހުމަތުކުރެވޭ ފިރިހެންމީހާއާ ސީދާ ކުރިމަތިލައި ސުވާލުކުރާ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި ޢާންމުވެފައިވެއެވެ. އެ ވީޑިއޯގައި ފެންނަ ގޮތުން، ކަސްރަތަށް ނުކުންނަ ކޮންމެ ފަހަރަކު އެ ފިރިހެންމީހާ ފަސްފަހަތުން ހިނގާ ކަމަށާއި، މަގުމައްޗަށް ނުކުތުމުންވެސް ފަހަތުން ނުކުންނަ ކަމަށް އެ އަންހެންމީހާ ބުނެފައިވެއެވެ.
އެ ވީޑިއޯގައި ފިރިހެންމީހާ "ސޮރީ" އޭ ބުނެ ބާރަށް ހިނގާފައި ގޮސް ވަކި ހިސާބަކުން ދުވެފައި ދާ މަންޒަރު ފެނެއެވެ. އަންހެން މީހާ ބުނީ އޭނާ ސައިކަލު ބަހައްޓާ ތަންވެސް ފިރިހެން މީހާ ފާހަގަކޮށްގެން އެތާނގައިވެސް ހުންނަ ކަމަށެވެ.
އެ އަންހެންމީހާ ބުނީ ފުރައްސާރައިގެ ސަބަބުން ބްރިޖުމަތީގައި ހަމަޖެހިލައިގެން ހިނގައިވެސް ނުލެވޭ ކަމަށެވެ. އަދި ކެތްނުކުރެވިގެން އެ ފިރިހެންމީހާއާ ކުރިމަތިލީ ކަމަށެވެ.
މި މައްސަލައިގެ ވީޑިއޯ ޢާންމުވުމާ އެކު ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން މި މައްސަލައަށް ލިބިފައިވެއެވެ.