އިނގިރޭސި އަސްކަރީ މަރުކަޒަކަށް ހަމަލާ ދޭން އުޅުނު ފަސް މީހަކު ހައްޔަރުކޮށްފި
އީރާނަށް ހަމަލާ ދިނުމަށް އެމެރިކާ ސިފައިން ބޭނުންކުރާ އިނގިރޭސިވިލާތުގެ ވައިގެ މަރުކަޒެއް ކައިރިން ގޮވާ ތަކެއްޗާއި "ޓެރަރިޒަމް"ގެ ތުހުމަތުގައި ފަސް ފިރިހެނަކު އާދީއްތަ ދުވަހު ހައްޔަރުކޮށްފިއެވެ.
އިންގިރޭސި ފުލުހުން އެލާޓަށް އައީ ރޭ ފަތިހު އެ ގައުމުގެ ހުޅަނގުގައި އޮންނަ އާރުއޭއެފް ފެއާފޯޑް ވައިގެ މަރުކަޒާ ދިމާއަށް ތިން ޝައްކު ކުރެވޭ ވެހިކަލެއް ދަތުރުކުރާ ކަމުގެ ރިޕޯޓު ކުރުމުންނެވެ. އެ ރިޕޯޓާ ގުޅިގެން ގްލޮސެސްޓާޝަޔާ ފުލުހުން ވަނީ ގޮވާ ތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން ފަސް މީހަކު ހައްޔަރުކޮށްފައެވެ.
ފަހުން މި ތަޙުޤީޤާ ހަވާލުވެފައި ވަނީ އިނގިރޭސިވިލާތުގެ ޓެރަރިޒަމާ ދެކޮޅު ފުލުހުންނެވެ.
އިނގިރޭސި ކައުންޓާ ޓެރަރިޒަމް ޕޮލިސިންގގެ ސީނިއާ ނެޝަނަލް ކޯޑިނޭޓާ ވިކީ އީވަންސް ބުނީ ތަޙުޤީޤުގެ ކުރީކޮޅު ކަމަށްވާތީ އެއްޗެއް ބުންނަން ބޭނުން ނުވިޔަސް އެމީހުން ހައްޔަރު ކުރިކަން ކަށަވަރުކޮށްދޭ ކަމަށެވެ. އީވަންސް ބުނީ އެ ވެހިކަލްތައް ވަށައިގެން 400 މީޓަރުގެ ކޯޑަންއެއް ޤާއިމުކޮށް ސިފައިންގެ ގޮވާ ތަކެތި ނައްތައިލުމާ ބެހޭ ޔުނިޓުން ބަލައި ފާސްކުރަމުންދާ ކަމަށެވެ.
މި އެލާޓާއި އެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގާތްގަނޑަކަށް 85 ގެއެއްގެ މީހުން ވަނީ ހުސްކޮށްފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ އިނގިރޭސިވިލާތުގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަން ވަރަށް ރަނގަޅު ކަމަށެވެ. ޓްރަމްޕް ބުނީ އެ މީހުން ތިބީ ބޮޑު ގެއްލުމެއް ދޭން ބަލައިގެން ކަމަށާއި ހައްޔަރު ކުރެވިފައިވަނީ އެތަނަށް ހަމަލާދޭން ގިނަ ދުވަސްތަކެއް ވަންދެން ފާރަލަމުން ދިޔަ ބަޔަކު ކަމަށެވެ.
ހައްޔަރުތަކާ ގުޅިގެން ގޮވާ ތަކެއްޗެއް ފެނުނު ކަމެއް ނުވަތަ މި ކަމާ ވައިގެ މަރުކަޒާ ސީދާ ގުޅުމެއް ވާ ކަމެއް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ. އެ ހައްޔަރުތައް އީރާނާ ގުޅުވައި ނުވަތަ އާރުއޭއެފް ފެއާފޯޑް ޓާގެޓެއް ކަމަށް ވެސް ރަސްމީ ފަރާތްތަކުން ބުނެފައެއް ނުވެއެވެ.
މާރިޗު މަހު އެމެރިކާގެ ތިން ބީ 1ބީ ލޭންސާ ބޮން އަޅާ ބޯޓު އާރުއޭއެފް ފެއާފޯޑުގައި ޖައްސާފައި ވަނީ އެ މަރުކަޒުން ފުރައިގެން ގޮސް އީރާނާ ދެކޮޅަށް ދިން ހަމަލާ ބުރަކަށް ފަހުގައެވެ. އީރާނުގެ ރެވޮލިއުޝަނަރީ ގާޑުން ޖުލައި މަހު ވަނީ އީރާނަށް ހަމަލާ ދިނުމަށް ބޭނުންކުރާ މަރުކަޒުތައް ސައްޙަ އަމާޒުތަކެއް ކަމަށް ބެލެވިދާނެ ކަމުގެ އިންޒާރު ދީފައެވެ.