ފިކުރީ ނުރައްކަލާ ގުޅޭ ކޮންފަރެންސަކަށް މިނިސްޓަރު ޝަހީމް ސައުދީއަށް ވަޑައިގެންފި
ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ސައުދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
މިއީ ފިކުރީ ގޮތުން ކުރިމަތިވާ ނުރައްކާތެރި ވިސްނުންތަކާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭ ގޮތުން ބާއްވާ ހާއްސަ ކޮންފަރެންސެކެވެ. މި ކޮންފަރެންސް އޮންނާނީ މަދީނާ ގައި އެވެ.
މަދީނާގެ އިސްލާމިކް ޔުނިވާސިޓީން އިސްނަގައިގެން ބާއްވާ މި ކޮންފަރެންސް ކުރިއަށް ގެންދަނީ "އެފޯޓް އޮފް ދި ކިންގްޑަމް އޮފް ސައުދީ އަރަބިއްޔާއިން ކޮންފްރޮންޓިން އިންޓެލެކްޗުއަލް ޑިވިއޭޝަން" ނަމުގައެވެ.
ހައްދުފަހަނައެޅުމާއި ފިކުރީ އެކިއެކި އިންޙިރާފުތަކުން މުޖުތަމަޢު ސަލާމަތްކުރުމުގެ މަޤުޞަދުގައި ބާއްވާ މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އިސްލާމީ ޢިލްމުވެރިންނާއި ދިރާސާތަކުގެ މާހިރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ކޮންފަރެންސްގައި ވަޒީރު ޝަހީމް ތަޤުރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވަޒީރު ޝަހީމް މި ދަތުރުފުޅުގައި ފުރާވަޑައިގެންފައިވާއިރު ރާއްޖެއާ ސައުދީ ޢަރަބިއްޔާއާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ކަމަށް ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސައުދީ ސަފީރު ޔަޙްޔާ ޙަސަން އަލް ޣަހްތާނީ މިދިޔަ ހަފުތާގައި ވިދާޅުވެފައިވެއެވެ.