Advertisement

އީގަލް ހިލްސް އެއްބަސްވުމުގެ ތަފުސީލު ހާމަނުކުރުމަކީ ކަންބޮޑުވުމެއް: ފައްޔާޒު

27 Sep 2026 | 22:23
ފައްޔާޒް އިސްމާއިލް -- ފޮޓޯ: ރައީސް އޮފީސް

ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމަށް ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ކޮމާޝަލް ޝަރުތުތައް ހާމަނުކޮށް ކުރިއަށް ގެންދިޔުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިއަދު ބަޔާނެއް ނެރުއްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ފައްޔާޒު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި ބޭރުގެ ވިޔަފާރިތަކުން ރާއްޖޭގައި އިންވެސްޓުކުރުމަށް އެމްޑީޕީން އަބަދުވެސް ތާއީދުކުރެއެވެ. ނަމަވެސް މި ފެންވަރުގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދެވޭނީ ހަރުދަނާ މާލީ އަދި ޤާނޫނީ ނިޒާމެއް ޤާއިމުކޮށް ޓެކްސް އުސޫލުތައް ސާފުކޮށް ބެހެއްޓުމާ އެކު މައްސަލަ ޙައްލުކުރެވޭނެ އިތުބާރު ހިފޭ ނިޒާމެއް އޮވެގެން ކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

Advertisement

ރަސްމާލޭގެ 500 ހެކްޓަރު ބިން އަގުކުރި ގޮތް ސާފުނުވާ ކަމަށާއި ދޫކުރާ ބިމުން ދައުލަތަށް އެކަށީގެންވާ އާމްދަނީއެއް ލިބޭނެކަން ޔަގީންކުރެވެން ނެތް ކަމަށް ވެސް ފައްޔާޒު ވިދާޅުވެފައިވެއެވެ.

"މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ"ގެ ނަމުގައި އީގަލް ހިލްސްއާ އެކު ސޮއިކުރި އެއްބަސްވުމާ ބެހޭ ގޮތުން ސަރުކާރުން މަޢުލޫމާތު އޮޅުވައިލާ ކަމަށް ވެސް ފައްޔާޒު ތުހުމަތުކުރެއްވިއެވެ. އެ ގޮތުން ސަރުކާރުގެ ނޫސް ބަޔާނުގައި ފިޔަވަހިތަކަކަށް ބަހާލައިގެން 20 ބިލިއަން ޑޮލަރު ހޭދަކުރާނެ ކަމަށް ބުނި ނަމަވެސް އީގަލް ހިލްސްއިން ނެރުނު ބަޔާނުގައި އެއްވެސް ޢަދަދެއް ހިމަނައިފައި ނެތް ކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.

"...މިފަދަ އިންވެސްޓްމެންޓްތައް ގެންނަން ޖެހޭނީ ހާމަކަންބޮޑުކޮށް ދެފަރާތުގެ ހައްގުތައް ވެސް ރައްކާ ކުރެވޭނެ އިޖުރާއަތްތަކެއްގެ ތެރެއިންނެވެ. އެހެން ނަަމަވެސް ރަސްމާލޭގެ ދެބައިކުޅައެއްބައި ބޭރުގެ ކުންފުންޏަކަށް ދޭން ސަރުކާރުން ވެފައިވާ އެއްބަސްވުމުގައި މީގެ އެއްވެސް ޝަރުތެއް ފުރިހަމައެއް ނުވެ އެވެ" ފައްޔާޒު ވިދާޅުވެފައިވެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ދިގު ރާސްތާގައި ޤައުމަށް ކުރާނެ އަސަރުތައް ރައްޔިތުންނަށް ސާފުކޮށްދީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެވެން ޖެހޭ ކަމަށެވެ.

މި މައްސަލައިގައި ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ވަނީ "މިހާރު" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ރަސްމާލެއިން ބިމުގެ މިލްކުވެރިކަން ނުވަތަ ފްރީހޯލްޑެއް ދޫނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. "ރަސްމާލޭގެ އެއްވެސް ތަނެއް ސަރުކާރުގެ ހުއްދައެއް ނެތި އެކަކު އަނެކަކުގެ މެދުގައި ގަނެ ވިއްކައި ނުވަތަ ބަދަލެއް ނުކުރެވޭނެ. ކޮންމެ ޕްރޮޕަޓީއެއް ވިއްކާއިރު ސަރުކާރަށް ހުށަހަޅަން ޖެހޭނެ. އަދި ސަރުކާރުން އެ ތަނެއް ލިބޭ ފަރާތް ބަލައި އެކަމުގެ ހުއްދަ ދިނުމާއި ނުދިނުމަށް ނިންމުމުގެ އިހްތިޔާރު ލިބިގެންވޭ" މިނިސްޓަރު ވިދާޅުވެފައިވެއެވެ. އެ ތަނުން ޕްރޮޕަޓީއެއް ގަތް ނަމަވެސް ރާއްޖޭގައި ދިރިއުޅުމުގެ ޙައްޤެއް ލިބޭނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާ އެއްގޮތަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ތާރީޚުގައި ވެސް ހިންގާ އެންމެ ބޮޑު ބޭރުގެ އިންވެސްޓްމެންޓް ކަމަށް ސިފަކުރާ މި މަޝްރޫޢާ މެދު ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ޚިޔާލު ތަފާތުވުން ދަނީ ބޮޑުވަމުންނެވެ.

Advertisement

ކޮމެންޓް