ރާއްޖެ އައި ނޭޕާލް އަންހެނަކާއި ފިރިހެނެއްގެ ހަށިގަނޑު ތެރެއިން 53 ބުލެޓު މަސްތުވާތަކެތި ނަގައިފި
މަސްތުވާތަކެތި ސްމަގަލްކުރި ކަމުގެ ތުހުމަތުގައި ރާއްޖެ އައި ނޭޕާލުގެ ދެ މީހެއްގެ ހަށިގަނޑު ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 53 ބުލެޓު ފެނި 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ނޭޕާލަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ އިތުރާނީ ގަލެ ނަމަކަށް ކިޔާ އަންހެނަކާއި 47 އަހަރުގެ ނިއްކަ ތަމަންގް ނަމަކަށް ކިޔާ ފިރިހެނެކެވެ. ދެ މީހުންގެ މައްޗަށްވެސް ތުހުމަތުކުރެވެނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރުމުގެ ކުށެވެ.
ކޯޓު ބަންދު އަމުރުން އެނގޭ ގޮތުގައި މި ދެ މީހުން ރާއްޖެ އައުމުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފިސަރުންނަށް އެ މީހުންގެ އަމަލުތައް ހުރި ގޮތުން ޝައްކު އުފެދި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ހަށިގަނޑު ސްކޭންކުރީއެވެ. ސްކޭނުން ހަށިގަނޑުގައި ފޮރިން ބޮޑީސް ހުރިކަން ދައްކައި އެ ތަކެއްޗަކީ މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ކަމަށް ޑޮކްޓަރު ލަފާ ދީފައިވެއެވެ.
އެއަށް ފަހު ބޮޑުކަމު ދިޔަ ތަކެތީގެ ތެރެއިން ޖުމްލަ 53 ބުލެޓު ނެގިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 650 ގްރާމް ހުރި ކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. ދެ މީހުންވެސް 30 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.