ހޮޓެލް އޭޝިއާ މޯލްޑިވްސް: ކުޑަ ފެށުމަކުން ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
ޗައިނާ އުފެދުނުތާ 77 އަހަރު ފުރުމާއި މެދު އޮގަސްޓް ފެސްޓިވަލާ ގުޅުވައިގެން ބާސެލޯގައި ރޭ ބޭއްވި ރަސްމީ ރިސެޕްޝަންގައި ދެ ޤައުމުގެ ތަރައްޤީގެ ތަޞައްވުރު އެއްގޮތް ކަމަށާއި އެކުގައި މަސައްކަތްކުރެވޭނެ ފުޅާ ދާއިރާތައް އެބަ އޮތް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން ވަޒީރުންނާއި މަޖިލިސް މެންބަރުންނާއި ސިޔާސީ ލީޑަރުންނާއި ޑިޕްލޮމެޓިކް ކޯރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ރިސެޕްޝަންގައި ސަފީރު ވަނީ ޗައިނާގެ ތަރައްޤީގެ ތިން ދާއިރާއެއް ފާހަގަކުރައްވާފައެވެ. އެ ގޮތުން ޗައިނާގެ ކުއާންޓަމް ކޮމްޕިއުޓަރު ޕްރޮޓޮޓައިޕް ޖިއުޖާންގް 4.0 އިން ފޮޓޮނިކް ކުއާންޓަމް ޓެކްނޮލޮޖީގައި ދުނިޔޭގެ ރެކޯޑެއް ޤާއިމުކުރި ކަމާއި ލޮންގް މާޗް 10 އަދި ޒޫކޫ 3 ރޮކެޓްތައް ކަނޑުމަތީގައާއި އެއްގަމުގައި ރީޔޫސެބަލް ރިކަވަރީ ހާސިލުކުރި ކަމަށް ވިދާޅުވެފައިވެއެވެ.
ޗައިނާގެ ސިނާޢީ ކުރިއެރުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ސަފީރު ފާހަގަކުރެއްވީ މި އަހަރުގެ ފުރަތަމަ ހަތް މަހު އިންޑަސްޓްރިއަލް ރޮބޮޓް އުފެއްދުން 28.5 އިންސައްތަ މައްޗަށް ދިޔަ ކަމަށާއި ހައި-އެންޑް މެނުފެކްޗަރިންގާއި ޑިޖިޓަލް އިޤުތިޞާދު ފަދަ ދާއިރާތަކުން އިޤުތިޞާދީ ކުރިއެރުމުގެ 40 އިންސައްތައަށްވުރެ ބޮޑު ހިއްސާއެއް އަދާކޮށްފައިވާ ކަމަށެވެ. ހަމައެހެންމެ ޗައިނާގައި ދުވާލެއްގެ މައްޗަށް އޭއައި ޓޯކަން ބޭނުންކުރާ މިންވަރު 500 ޓްރިލިއަނަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން މި އަހަރުގެ ފުރަތަމަ ހަ މަހު ޗައިނާ ރައްޔިތުންގެ ބޮލަކަށް ޖެހޭ ޑިސްޕޯސެބަލް އާމްދަނީ 5.2 އިންސައްތަ ކުރިއެރި ކަމަށާއި ސެޕްޓެމްބަރު 15 ގެ ނިޔަލަށް 280000 ޗައިނާ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެއީ ކުރީ އަހަރާ އަޅައިބަލާއިރު 13 އިންސައްތައިގެ އިތުރުވުމެކެވެ.
ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކަށް އަލިއަޅުއްވައިލައްވަމުން ސަފީރު ވިދާޅުވީ ހަނިމާދޫގައި ރުކުގެ ބަލި ކޮންޓްރޯލްކުރުމުގެ ޕްރޮޖެކްޓް ކާމިޔާބުކަމާ އެކު ނިމިފައިވާ ކަމަށެވެ. ޗައިނާ-ރާއްޖެ ރަހުމަތްތެރިކަމުގެ ހޮސްޕިޓަލް ޢިމާރާތްކުރުމުގެ ބީލަމުގެ މަރުހަލާގައި އޮތް އިރު މާލެއާއި ވިލިމާލޭ މަގު ހެދުމުގެ މަޝްރޫޢު ޑިޒައިން މަރުހަލާގައި އޮތް ކަމަށާއި މި ދެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނުވަތަ އަންނަ އަހަރު ކުރީކޮޅު ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ރަށު ކައުންސިލް ޢިމާރާތްތައް ބިނާކުރުމުގެ މަޝްރޫޢު ރަނގަޅަށް ކުރިއަށްދާ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން ޕްރޮޖެކްޓް ހުއްދަ ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މި ހުރިހާ މަޝްރޫޢެއްގެ ފައިސާ ހަމަޖެއްސެނީ ޗައިނާގެ އެހީގެ ގޮތުގައި ކަމަށާއި ރާއްޖޭގެ ދަރަނީގެ ބުރަ ބޮޑުނުވާ ގޮތަށް ކަމަށް ސަފީރު ފާހަގަކުރެއްވެވިއެވެ.
ޗައިނާ-ރާއްޖެ ރަހުމަތްތެރިކަމުގެ ބްރިޖާ ގުޅޭ ގޮތުން ސަފީރު ވިދާޅުވީ ދެ ހަފުތާ ކުރިން އޮޔާ ދިޔަ އުޅަނދެއް ބްރިޖުގައި ޖެހުމުން ޗައިނާގެ މެއިންޓެނެންސް ޓީމުން ވަގުތުން ތަފުސީލީ ބެލުމެއް ހެދި ކަމަށާއި ބްރިޖަށް ގެއްލުމެއް ނެތި އެ ފަދަ ހާލަތެއް ގިރާކުރެވޭ ވަރަށް ބާރުގަދަ ކަމަށް ތަހުލީލުތަކުން ދައްކާ ކަމަށެވެ. ޗައިނާއިން ބްރިޖުގެ މެއިންޓެނެންސް ޚިދުމަތް ކުރިއަށް ގެންދާނެ ކަމަށާއި ދިވެހި އިންޖިނިއަރުންނާ ގުޅިގެން ބްރިޖު ބެލެހެއްޓުމުގައި މަސައްކަތްކުރާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ރައީސް ޑރ. މުޢިއްޒު ޕީއެންސީ ކޮންގްރެސްގައި ފަތުރުވެރިކަން ފުޅާކުރުމާއި މަސްވެރިކަން ޒަމާނީކުރުމާއި ދަނޑުވެރިކަން އިތުރުކުރުމާއި އިޤުތިޞާދު ސިންދަފާތުކުރުމަށް ބާރު އެޅުއްވި ކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ ޗައިނާގެ ޓެކްނޮލޮޖީއާއި ރައުސުލްމާލާއި މެނޭޖްމެންޓް ތަޖުރިބާ ރާއްޖޭގެ ޤުދުރަތީ ވަސީލަތްތަކާ ގުޅުވައިގެން "ނިލު އިޤުތިޞާދު" އިތުރަށް ކުރިއެރުވޭނެ ކަމަށެވެ.
ބައިނަލްއަޤުވާމީ މައިދާނާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ ޗައިނާއިން މި އަހަރު އެމެރިކާއާ ދެމެދު "ސްޓްރެޓީޖިކް ހަމަޖެހުމުގެ ބިނާކުރަނިވި ގުޅުމެއް" ޤާއިމުކުރުމަށް ހުށަހަޅާފައިވާ ކަމަށާއި މެދުއިރުމައްޗާ ގުޅޭ ހަތަރު ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށެވެ. ހަމައެހެންމެ ޝަންހައި ކޯޕަރޭޝަން ޖަމިއްޔާގެ ސަމިޓުގައި "ހަތަރު ވަޢުދު" އަދި ބްރިކްސް ސަމިޓުގައި "ހަތަރު ޕައިނިއާ" ހުށަހެޅުން ހުށަހަޅާފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މި އަހަރު ޗައިނާ ސަރުކާރުގެ ދައުވަތަށް ތަފާތު ދާއިރާތަކުގެ 300 އެއްހާ ދިވެހިން ޗައިނާއަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި ޗައިނާ-ރާއްޖެ އިންވެސްޓްމެންޓް ކޯޕަރޭޝަން ފޯރަމް އޮކްޓޫބަރުގައި ބާއްވަން ރޭވިފައިވާ ކަމަށް ވެސް ސަފީރު ވިދާޅުވެފައިވެއެވެ. އެ ފޯރަމުން ދެ ޤައުމުގެ ވިޔަފާރިތަކަށް ވިޔަފާރީގެ ފުރުޞަތުތައް ހޯދުމަށް ފުޅާ މައިދާނެއް ލިބިގެންދާނެއެވެ.