Advertisement

ފެންބޮޑުވެ ބެންކޮކުގެ ހުރިހާ ސަރަހައްދެއްގައި ކުއްލި ހާލަތު އިއުލާނުކޮށްފި

27 Sep 2026 | 17:55
ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ފެންބޮޑުވެފައި --

ބުރާސްފަތި ދުވަހުން ފެށިގެން 300 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހުމުގެ ސަބަބުން ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ މަގުތައް ފެނު އަޑީގައި އޮތުމާ ގުޅިގެން މުޅި ސިޓީގައި ފެންބޮޑުވުމުގެ ކުއްލި ހާލަތު އިޢުލާނުކޮށްފިއެވެ.

ބެންކޮކުގެ މެޓްރޮޕޮލިޓަން އޮތޯރިޓީން މިއަދު ބުނީ ވާރޭ ވެހުން މަޑުޖެހިފައިވާ ކަމަށެވެ. ނަމަވެސް ކެނަލްތަކުގެ ފެންގަނޑު އަދިވެސް ވަރަށް މައްޗަށް އެބަހުރި ކަމަށާއި ފެންބޮޑުވުމުގެ ހާލަތު އަދި ނިމުމަކަށް ނާންނަ ކަމަށް ބުނެފައިވެ އެވެ.

Advertisement

ބެންކޮކް ލޯކަލް ސަރުކާރުން ވަނީ ރައްޔިތުންގެ ކިބައިން ގޭގައި ތިބުމަށް އެދިފައި އެވެ. ކެނަލްތައް ކައިރީ ދިރިއުޅޭ ފަރާތްތަކަށް ގޭގެ މަތީ ފަންގިފިލާތަކަށް މުދާ ބަދަލުކުރުމަށް ވެސް ނަސޭހަތްތެރިވެފަވެ އެވެ.

މި ދުވަސްވަރަކީ ތައިލެންޑުގައި ގުގުރުމާ އެކު ވިއްސާރަ ކުރާ މޫސުމެއް ނަމަވެސް ފާއިތުވި ދުވަސްތަކުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ސިޓީގެ ޑްރެއިނޭޖް ނިޒާމަށް ވަނީ ގެއްލުންވެފައި އެވެ. މި ވިއްސާރައިގަ ކުރިން ވެސް ތޮއްޖެހުން ބޮޑު ބެންކޮކުގެ މަގުތަކުގައި ޓްރެފިކް އެއްކޮށް ވަނީ ހުއްޓުމަކަށް އައިސްފައި އެވެ. ބެންކޮކުގެ 50 ޑިސްޓްރިކްޓް ވެސް ކުއްލި ހާލަތުގެ ސަރަހައްދުތަކެއް ކަމުގައި ވަނީ ކަނޑައަޅައިފައެވެ.

ބެންކޮކްގެ އާންމު ރައްޔިތުން ބުނީ މިހާރު ކުރިމަތިވެފައިވަނީ 2011 ވަނަ އަހަރު ބެންކޮކަށް ކުރިމަތިވި މުޅި ޤައުމު ހިމެނޭ ފެންބޮޑުވުމަށް ވުރެ ވެސް ގޯސް ހާލަތެއް ކަމަށެވެ. މި ދަނޑިވަޅުވައި އެންމެ ނުރައްކާ ބޮޑީ ކެނަލްތަކުގެ ކައިރީ ދިރިއުޅޭ މީހުންނަށެވެ.

މިހާތަނަށް ފެންބޮޑުވެ އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ބެންކޮކްގެ އިރުމަތީ ފަރާތުގެ ޑިސްޓްރިކްޓުތަކަށެވެ.

2011 ވަނަ އަހަރުގެ ފެންބޮޑުވުމުގެ ކާރިސާގައި ތައިލެންޑުން އެތައް ސަތޭކަ މީހުން މަރުވެ ހާލަތު ތިން މަސް ދުވަހަށް ދެމިގެން ދިޔައެވެ. ނަމަވެސް މިފަހަރުގެ ފެންބޮޑުވުމުގައި މިހާތަނަށް ބެންކޮކުން އެއްވެސް މީހެއް މަރުވި ކަމެއް ރިޕޯޓުކޮށްފައި ނުވެއެވެ.

ތައިލެންޑުގެ މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި މި ހަފުތާ ތެރޭގައި ވެސް ބޯކޮށް ވާރޭ ވެހޭނެއެވެ. އެހެން ނަމަވެސް ބޯކޮށް ވާރޭ ވެހުމަށް މެދުވެރިވެފައިވާ ލޯ ޕްރެޝާ ސިސްޓަމް ތައިލެންޑުގެ މެދުތެރެއާ ދިމާއަށް ދަތުރުކުރާނެ ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް