Advertisement

ނައިބު ރައީސް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

27 Sep 2026 | 22:13
ނައިބު ރައީސް އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި ލެވެލް ހަފުތާގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލައްވައިފިއެވެ.

އެ ދަތުރުފުޅުގައި ނައިބު ރައީސް ވަނީ ޢާންމު ބަހުސްގައި ރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވައި ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއިން އިސްކަންދޭ ދާއިރާތައް ތަފުސީލުކޮށް ހާމަކުރައްވައިފައެވެ. އިންސާފުވެރި ވެރިކަމުގެ ނިޒާމެއް ޤާއިމުކުރުމާއި މޫސުމީ ވިލުންތެރިކަން ވަރުގަދަކުރުމާއި ކުދި ޖަޒީރާ ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ.

Advertisement

ހަމައެހެންމެ ކޮންމެ ޤައުމެއްގެވެސް މުސްތަޤުބަލް އެ ޤައުމަކުން އަމިއްލައަށް ބައްޓަންކުރުމުގެ އަސާސީ ޙައްޤު ލިބިގެންވާ ކަމަށް ފާހަގަކުރައްވައި 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެ ގޮންޖެހުންތައް ގުޅިފައިވާ ކަންވެސް ފާހަގަކުރެއްވިއެވެ.

ޤައުމީ ބަޔާނުގައި ނައިބު ރައީސް ވަނީ 1967 ގެ ކުރީގެ ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ޤުދުސް ވެރިރަށް ކަމުގައި ހިމެނޭ ގޮތަށް ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ގޮވައިލައްވައިފައެވެ. އޭގެ އިތުރުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އދ. ގެ ސަލާމަތީ މަޖިލީހުން ދައުރުވާ ގޮނޑިއެއް ކަނޑައެޅުމަށާއި އދ. ގެ ނިޒާމަށް ފުރިހަމަ އިޞްލާޙީ ބަދަލުތައް ގެނައުމަށް ވެސް އެމަނިކުފާނު ގޮވައިލެއްވިއެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމާ ބެހޭ ގޮތުން ބޭއްވި މަތީ ފަންތީގެ ޕްލެނަރީ ޖަލްސާގައި ވެސް ނައިބު ރައީސް ތަޤުރީރު ކުރެއްވިއެވެ. ރަށްތައް ގިރެމުންދާ މައްސަލައާ ކުރިމަތިލުމުގައި ރާއްޖެ ފަހަތަށް ނުޖެހޭނެ ކަމަށާއި ވިލުންތެރިކަން އިސްކުރުމަކީ ރާއްޖޭގެ ޖަވާބު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މޫސުމަށް ހޭނުމަށް ބޭނުންވާ ހިލޭ އެހީ ފުޅާ ދާއިރާއެއްގައި އަވަހަށް ފޯރުކޮށްދިނުމަށް އިލްތިމާސް ކުރައްވަމުން ލޮނުގަނޑު އުފުލުމުގެ ސަބަބުން ޤާނޫނީ ގޮތުން ބަލައިގެންފައިވާ ކަނޑުގެ ސަރަޙައްދީ އިންތައް ގެއްލިގެން ދާންޖެހެން ނުވާނެ ކަމަށާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާ އެއްގޮތަށް އުފެދިފައި އޮތް ދައުލަތެއް ނެތިދާންޖެހޭ ސަބަބެއް އެއީ ނޫން ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ނައިބު ރައީސް ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާންއާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތައް ބާއްވަވައިފައެވެ. ޗައިނާއިން އިންތިޒާމުކުރި ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވްގެ ހަރަކާތުގައި ވެސް ތަޤުރީރު ކުރެއްވިއެވެ. މި ދަތުރުފުޅުގެ ޒަރީޢާއިން ޚާރިޖީ ގޮތުންނާއި ތަރައްޤީގެ ރޮނގުން ރާއްޖެ އިސްކަންދޭ ކަންކަން ބައިނަލްއަޤުވާމީ ފެންވަރުގައި ހާމަކުރެއްވުމަށް ނައިބު ރައީސަށް ފުރުޞަތު ލިބިވަޑައިގެންފައިވެއެވެ.

Advertisement

ކޮމެންޓް