Advertisement

ޓެކްނޮލޮޖީގެ އީޖާދުތަކާއިއެކު ދެމެހެއްޓެނިވި ޓޫރިޒަމެއް ބިނާ ކުރުމަށް ރައީސް ގޮވާލައްވައިފި

27 Sep 2026 | 17:17
ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައި ޓެކްނޮލޮޖީގެ އީޖާދުތަކާއި ހުނަރު ތަރައްޤީކުރުން މެދުވެރިކޮށް ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ބިނާކުރުމަށް ސަރުކާރުން ބާރުއަޅާ މިންވަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފިއެވެ.

2026 ވަނަ އަހަރުގެ ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރަނީ ޓޫރިޒަމް އަލުން ބައްޓަންކުރުމަށް ސުމޭކީ އެޖެންޑާއާއި އާޓިފިޝަލް އިންޓެލިޖެންސް މި ޝިޢާރުގެ ދަށުންނެވެ.

Advertisement

އެ މެސެޖުގައި ރައީސް ވަނީ ރާއްޖެ ދުނިޔޭގެ ފެންވަރުގެ ޓޫރިސްޓު މަންޒިލެއްގެ ގޮތުގައި ކުރިއެރުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. ޓޫރިޒަމް ސިނާޢަތަކީ ދިރިއުޅުމުގެ ފެންވަރު މަތިކޮށް ރަށްރަށުގައި ފުރުޞަތުތައް ތަނަވަސްކޮށް އެތައް މިލިއަން ޓޫރިސްޓުންނާއި ދިވެހި ރައްޔިތުންގެ ގުޅުން ބަދަހިކޮށްދިން މައި ސިނާޢަތްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ސުމޭކު ފަންނިއްޔާތާއި އޭއައިގެ ސަބަބުން ޓޫރިސްޓުން މަންޒިލުތައް ހޯދައި ދަތުރު ރާވައި ތަޖުރިބާ ލިބިގަންނަ ގޮތް މުޅިން ބަދަލުވަމުންދާކަމަށް އެ މެސެޖުގައި ބައްލަވާލައްވައިފައިވެއެވެ. މި ބަދަލުތަކުގެ ސަބަބުން ޓޫރިސްޓުންގެ ބައިވެރިވުން އިތުރުކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް މަންޒިލުތަކުގެ ވާދަވެރިކަން ވަރުގަދަކުރެވޭނެ ކަމަށް ރައީސް ބަޔާންކުރެއްވިއެވެ. ހަމައެއާއެކު ދިވެހި ޓޫރިޒަމްގެ އަސްލު ކަމުގައިވާ އަމިއްލަވަންތަކަމާއި މެހެމާންދާރީ ދެމެހެއްޓުމާ އެކު ޑިޖިޓަލް ދުނިޔޭގައި ކުރިއެރުމަށް ސުމޭކީ އީޖާދުތަކާއި ހުނަރު ތަރައްޤީއަށް ވުނަކުރުމުގެ ޒަރޫރީކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ "ދިވެހިންގެ މެހެމާންދާރީގެ އަސްލު ކަމުގައިވާ އިންސާނީ ގާތްކަމުގެ ޖާގަ ފަންނިއްޔާތަށް ދިނުމުގެ ބަދަލުގައި ފަންނިއްޔާތު ވާންވާނީ އެ ޚިދުމަތްތައް ފުރިހަމަކޮށްދޭ އެހީތެރިއަކަށް" ކަމަށެވެ. ދުނިޔޭގެ ޓޫރިޒަމް ހަލުވިކަމާއެކު ބަދަލުވަމުންދާ މި ދަނޑިވަޅުގައި ރާއްޖެ ވާދަވެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް އީޖާދީ ވިސްނުމާއި އެންމެން ގުޅިގެން މަސައްކަތްކުރުމާއި އިންސާނީ ވަސީލަތްތަކަށް ވުނަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ރަސްމީ އެކްސް އެކައުންޓުން ވެސް ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ ތަހުނިޔާ ވިދާޅުވެ ސުމޭކީ ފުރުޞަތުތައް ބޭނުންކޮށް ވިލުންތެރި ޓޫރިޒަމް ސިނާއަތެއް ބިނާކުރުމުގެ ޢަޒުމް ހާމަކުރައްވައިފައެވެ.

Advertisement

ކޮމެންޓް