ދުވަހުގެ މޫސުން: އުތުރާއި މެދުރާއްޖޭގައި ކަނޑުތައް ގަދަ ކަމަށާއި ދަތުރުތައް ކުރުމުގައި ސަމާލުވުމަށް މެޓުން އިލްތިމާސްކުރޭ
އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކުގައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
މެޓުން ނެރުނު ލަފާކުރުމުގައިވާ ގޮތުން މިއަދު ހަވީރު 18:00 އާ ހަމައަށް އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވެއެވެ. އެ ސަރަހައްދުތަކުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް އެ ލަފާކުރުމުގައި ބުނެފައިވެއެވެ. ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރައި ގުގުރުމުގެ ފުރުސަތު އެބައޮތެވެ.
ވައިޖެހޭ ބާރުމިނަށް ބަލާއިރު ދެކުނު އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އެ ނޫން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭއިރު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެދާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ބެލެވޭއިރު އެ ނޫން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެއެވެ. ރާޅުގެ އުސްމިނަށް ބަލާ ނަމަ ދެކުނުގައި ފޫޓަކާއި ތިން ފޫޓާ ދެމެދަށް ރާޅު އުފުލޭއިރު އުތުރާއި މެދުރާއްޖެތެރޭގައި ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދަށް ރާޅު އުފުލޭނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ. ވީމާ ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކުގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމީ އިންޒާރުތަކަށް ސަމާލުވުން މުހިންމެވެ.