Advertisement

އިޒްރޭލް ހުއްޓުވަން އދ. އިން ކުރީ ކޮން ކަމެއްތޯ ސުވާލުކޮށް ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދިނުމަށް ރާއްޖެއިން ގޮވާލައިފި

25 Sep 2026 | 22:38
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު --

ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ރާއްޖެއިން އދ. ގެ 81 ވަނަ ޖެނެރަލް އެސެމްބްލީގައި ގޮވާލައިފި އެވެ.

މިހާރު ކުރިއަށްދާ ޖެނެރަލް އެސެމްބްލީގައި ރާއްޖޭގެ ފަރާތުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މިއަދު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުޢާންމާއި ހަނގުރާމައިގެ ޖަރީމާތައް ހުއްޓެންޖެހޭ ކަމަށެވެ. އެކަން ހުއްޓުވަން އދ. އިން އެއްވެސް ކަމެއް ނުކުރާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

Advertisement

އެމަނިކުފާނު ވިދާޅުވީ އދ. ގެ އިތުރުން މެމްބަރު ގައުމުތަކުންވެސް އެ ގަތުލްއާންމު ހުއްޓުވަން ކަމެއް ނުކުރާކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ. ޣައްޒާގެ އިތުރުން ސަރަޙައްދީ ފެންވަރުގައި ވެސް އެހެން ޤައުމުތަކުގެ ސިޔާދަތަށް އިޒްރޭލުގެ ޢަސްކަރީ ޙަމަލާތަކުން ބުރޫ އަރުވަމުންދާ ކަން ފާހަގަކުރައްވައި ބައިނަލްއަޤުވާމީ ޤާނޫނު ބާރުގަދަ ޤައުމުތަކަށް ލުއިކޮށް ބަލިކަށި ޤައުމުތަކަށް ހަރުކަށިކޮށް ހިންގައިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

ޣައްޒާ އަށް އިންސާނީ އެހީ ރައްކާތެރިކޮށް އަވަހަށް އަދި ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ޤުދުސް ވެރިރަށް ކަމުގައި ކަނޑައަޅައި މިނިވަން ފަލަސްޠީނު ދައުލަތެއް ބަލައިގަތުމަށް ގޮވައިލެއްވިއެވެ.

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ ކޮންމެ ޤައުމަކަށް ވެސް ކިތަންމެ ކުޑަ ނަމަވެސް އެ ޤައުމެއްގެ މުސްތަޤުބަލް އަމިއްލައަށް ކަނޑައެޅުމުގެ ފުރިހަމަ މިނިވަންކަން ލިބެންޖެހޭ ކަމަށެވެ. މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތައް ކުރީގެ ސީދާ ޢަސްކަރީ ނުރައްކާތަކާ ތަފާތު ކަން ފާހަގަ ކުރެއްވި އެވެ.

އަދި ކަނޑުގެ ދަތުރުފަތުރުގެ މަގުތަކާއި ސަޕްލައި ޗެއިންތަކާއި މާލީ ބާޒާރުތަކާއި ޑިޖިޓަލް ނެޓްވޯކުތައް މެދުވެރިކޮށް ސިޔާދަތަށް ބުރޫއެރުވުމުގެ ފުރުޞަތު ބޮޑުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ނައިބު ރައީސް ވިދާޅުވީ އިންސާނީ އެހީތެރިކަން ރައްކާތެރިކަމާ އެކު، އަވަހަށް އަދި ފުޅާ ދާއިރާއެއްގައި ފަލަސްތީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ކަމަށާއި އަދި ބައިނަލްއަގްވާމީ ކޯޓުތަކުގެ ނިންމުންތަކަށާއި އދ.ގެ ގަރާރުތަކަށް އިހްތިރާމްކޮށް، ތަންފީޒުކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު، އެމީހުންގެ މުސްތަގުބަލުގެ ހައްގުގެ ދިފާއުގަ އެވެ. 

Advertisement

ކޮމެންޓް