Advertisement

ތަރައްޤީގެ 20 އަހަރުގެ މާސްޓަރޕްލޭން ވެރިކަން ބަދަލުވާއިރަށް ނުހުއްޓޭ ގޮތަށް ގާނޫނެއް ހަދަނީ

25 Sep 2026 | 23:53
ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީކުރުމުގެ މާސްޓަރޕްލޭން ސިޔާސީ ބަދަލުތަކުން ރައްކާތެރިކުރެވޭނެ ޚާއްޞަ ޤާނޫނެއް ޑްރާފްޓްކުރަމުންދާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ހާމަކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ކުރީ ސަރުކާރުގެ މަޝްރޫޢުތައް ހުއްޓި ޤައުމުގެ މިސްރާބު ބަދަލުވާ ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ ކުރިއެރުން ނުލިބި ބޮޑެތި ގެއްލުންތައް ވަމުންދާތީ 20 އަހަރުގެ ޕްލޭން ހަމައެކަނި ކަރުދާހެއްގައި ބާއްވައިގެން ނުވާނެ ކަމަށާއި ޤާނޫނީ ބާރުވެރިކަމެއް ދީގެން ސިޔާސީ އޮއިވަރުތަކުން އެ ޕްލޭން ސަލާމަތްކުރެވޭނެ މަގެއް ހޯއްދެވުމަށް މަސައްކަތްކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

މި މާސްޓަރޕްލޭނާ ގުޅޭ ގޮތުން އދ. ގެ ޢާންމު މަޖިލީހުގައިވެސް ވާހަކަފުޅުދައްކަވާފައިވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑު ސްޓޭޖުގައި އެ ވާހަކަ ދެއްކެވީ ރާއްޖެ ކުޑަ ނަމަވެސް އަމިއްލަ ފައިމައްޗަށް ތެދުވެ ތަރައްޤީވެފައިވާ ޤައުމަކަށް ވާން މަސައްކަތްކުރާކަން ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދައްކައިދެއްވުމަށް ކަމަށެވެ. އެގޮތަށް ކަންތައް ކުރެއްވުމުން ރާއްޖެއާ މެދު ދުނިޔެ ދެކޭ ގޮތް ބަދަލުވެ ލިބޭ ފުރުޞަތުތައް ފުޅާވާނެ ކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

ގާތްގަނޑަކަށް ގަޑިއެއްހާ އިރު ދެމިގެންދިޔަ މި ޕޮޑްކާސްޓްގައި ރައީސުލްޖުމްހޫރިއްޔާ އިތުރު މުހިންމު ދާއިރާތަކަށްވެސް އަލިއަޅުއްވައިލެއްވިއެވެ. ބޭރު ފައިސާގެ ދަތިކަމަށް ހައްލެއް ހޯއްދެވުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެގްރީމަންޓެއްގައި ސޮއިކުރުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ރާއްޖޭގެ ރިޒާވް 1.2 ބިލިއަން ޑޮލަރަށް އެރި ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާއި ތެލުގެ އަގަށް އައި ބަދަލުތަކާ އެކު ސުކޫކް ދެއްކުމުގެ ސަބަބުން ރިޒާވަށް އަސަރުކޮށްފައިވެއެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ހައެއްކަ މަހުގެ ތެރޭގައި އިޤްތިޞާދީ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރަސްމާލެ މަޝްރޫޢާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތުގެ 60 ނުވަތަ 70 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. ބޭރު އިންވެސްޓަރުންނަށް ބިން ދޫކުރާނީ ހަމައެކަނި ކުއްޔަށް ކަމަށާއި ބިން މިލްކު ނުކުރެވޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ހަމައެއާ އެކު ރަސްމާލެ މަޝްރޫޢަށް ސޮވަރިން ގެރެންޓީ ޓެކްސް ކޮންސެޝަން އަދި އިމްޕޯޓް ޑިއުޓީގެ ލުއިތައް ސަރުކާރުން ނުދޭނެ ކަމަށާއި ރައްޔިތުންނަށް ދީފައިވާ ގޯތިތަކަށް އެއްވެސް ނޭދެވޭ ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވިއެވެ.

ދުރު ރާސްތާ ޕްލޭނެއް ނެތި ކުރާ މަސައްކަތުން ޤައުމު ފަހަތަށް ދާ ކަމަށާއި ދުރު ރާސްތާ ޕްލޭނަކާ އެއްގޮތަށް ހިންގާ ތަރައްޤީގެ ޙަޤީޤީ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މީގެ އިތުރުން މިދުވަސްވަރު ޢިމްތިޙާނު ހަދާ ދަރިވަރުންނަށް ކިޔެވުމާއި ކުޅިވަރާއި ދީނީ ކަންކަން އެއް ހަމައެއްގައި ބެހެއްޓުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

Advertisement

ކޮމެންޓް