އިޒްރޭލާ ދެކޮޅަށް ކުޅުމާ މެދު އަޔަލެންޑް ކުޅުންތެރިޔާ ނައިޓް ދެކޮޅު ހަދައިފި
ޣައްޒާ ހަނގުރާމައާ ގުޅިގެން އާދީއްތަ ދުވަހު އިސްތިއުމާރީ އިސްރާއީލާ ދެކޮޅަށް ތާވަލުކޮށްފައިވާ މެޗު ކުރިއަށް ގެންދިއުމާ ފާޅުގައި ދެކޮޅު ހެދި އަޔަލެންޑް ޤައުމީ ޓީމުގެ ފުރަތަމަ ކުޅުންތެރިޔާއަށް ޖެއިސަން ނައިޓް ވެއްޖެއެވެ.
ގުރޫޕް ބީ3 ގައި ދެ ޓީމު އެއް ގުރޫޕަކަށް ލެވުނީއްސުރެ އަޔަލެންޑުގައި "ސްޓޮޕް ދަ ގޭމް" ގެ ނަމުގައި ކެމްޕެއިނެއް ވަރުގަދަވެ މެޗުތަކުން ވަކިވުމަށް ގޮވައިލާ އަޑުތައް ދިޔައީ ގަދަވަމުންނެވެ. ހަންގޭރީގެ ޑެބްރެސެންގައި ބީއެސްޓީ ގަޑީން (ރާއްޖޭ ގަޑީން ދަންވަރު 12:45 ގައި) 19:45 ގައި ކުޅޭ އެ މެޗުގައި އަޔަލެންޑުގެ ސަޕޯޓަރުން ނުތިބޭނެއެވެ. ރިޓާން ފިކްސްޗާ އޮތީ އޮކްޓޫބަރު ހަތަރެއްގައި ސާބިއާގެ ބަކާ ޓޮޕޮލާގައި ބެލުންތެރިން ނުވައްދައި ކުޅޭ ގޮތަށެވެ.
ބުރާސްފަތި ދުވަހު ކޮސޮވޯ އަތުން ޕްރިޝްޓީނާގައި 1-0 ން ބަލިވި މެޗަށް ފަހު ބްރިސްޓަލް ސިޓީގެ މިޑްފީލްޑަރު ނައިޓް ބުނީ "މި މެޗު ކުރިއަށް ގެންދާކަށް ނުޖެހޭ ކަމަށް އަހަރެން ދެކެނީ އެކަމަކު މެޗު ކުރިއަށް ދާނެ" ކަމަށެވެ. ހަމަ އެ މެޗުގެ ކުރިން ވަގުތީ ކެޕްޓަން ޑާރާ އޮޝީ ވެސް ވަނީ ހުކުރު ދުވަހު ކުޅުންތެރިން ބައްދަލުކޮށް އިސްރާއީލު މެޗާ މެދު އެޅޭނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާކުރާނެކަން ހާމަކޮށްފައެވެ.
ނައިޓް އިތުރަށް ބުނީ "އަހަރެމެން ކުޅުންތެރިންނާއި ސީނިއާ ކުޅުންތެރިންނާ އެކު މިކަމާ މެދު ވާހަކަ ދެކެވިއްޖެ. މިހާރު މި ތިބީ އެއް ތަނެއްގައި ކަމުން ކަމުގެ ފުންމިނަށް ވާހަކަ ދެއްކޭނެ. ހުކުރު ދުވަހު އެކަން ކޮށް ކުރިއަށް ދާނެ ގޮތެއް ކަނޑައަޅާނީ" ކަމަށެވެ. އޭނާ ބުނި ގޮތުގައި މީގެ ކުރިން މި ފަދަ ހާލަތެއް ދިމައެއް ނުވެއެވެ. ނަމަވެސް ތަޖުރިބާއާއި ހިތްވަރާ އެކު ފުޓުބޯޅައަށް ފޯކަސް ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށް ނައިޓް ބުންޏެވެ.
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގައި ފެށި އަސްކަރީ ޢުދުވާނުގައި 73,000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ އިރު އެ ޢަދަދުތައް އދ. އިން ބަލައިގަނެއެވެ. މި ފަސްގަނޑުގައި ނައިޓް ފާޅުކުރި ޝުޢޫރުތަކާ އެކު ހުކުރު ދުވަހު ކުޅުންތެރިން ބާއްވާ ބައްދަލުވުމުން ނިކުންނާނެ ނިންމުމަށް ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވެއެވެ.