Advertisement

ސޯސަންމަގު އެކްސިޑެންޓުގައި ނިޔާވީ މިއަހަރު އިމިގްރޭޝަނާއި ގުޅުނު މުވައްޒަފެއް

25 Sep 2026 | 21:02
އައިޝަތް މާހިދާ -- ފޮޓޯ: އިމިގްރޭޝަން

މިދިޔަ އާދިއްތަ ދުވަހުގެ ރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވީ މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފެއް ކަމަށް އެ އިދާރާއިން ބުނެފި އެވެ.

އާދިއްތަ ދުވަހުގެ ރޭ ދަންވަރު 1:12 ހާއިރު ހިނގި މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވި އެވެ. މިއަދު ނިޔާވީ އޭގެން އެއް ސައިކަލުގެ ފަހަތުގައި އިން ށ. ފޯކައިދޫއަށް ނިސްބަތްވާ އާއިޝަތު މާހިދާ 26 އަހަރެވެ.

Advertisement

އޭނާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހަވީރު 6:06 ހާއިރު ކަމަށް އާއިލާ އާއި ހަވާލާދީ ފުލުހުން މީޑިއާގައި ބުނެފައިވެ އެވެ. މާހިދާ ނިޔާވީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކާ ގުޅިގެން ހޭނާރާ އޮވެ އެވެ. އޭނާގެ މޫނުގެ ކަށިތަކަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާއިރު ބޮލުގެ އޮޕަރޭޝަނެއް ކުރި ކަމަށް މައުލޫމާތު ލިބެ އެވެ.

އޭނާ ނިޔާވުމާއި ގުޅިގެން އިމިގްރޭޝަނުން ބުނީ މާއިދާއަކީ މިއަހަރުގެ ޖެނުއަރީގައި އެ އިދާރާއި ގުޅުނު މުވައްޒަފެއް ކަމަށެވެ. މާހިދާގެ ކުއްލި ވަކިވުމާއި އެކު އިމިގްރޭޝަންގެ ހުރިހާ މުވައްޒަފުންނަށް ފުން ހިތާމައެއް ލިބިފައިވާ ކަމަށާއި އާއިލާއަށް ތައުޒިޔާ ކިޔާފައިވެ އެވެ.

އިމިގްރޭޝަނުން ވަނީ މިވީ ކުރު މުއްދަތުގައި އޭނާ ގައުމަށް ކޮށްދީފައިވާ ހިދުމަތްތަކަށް ޝުކުރު އަދާކޮށްފައި އެވެ.

މާހިދާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ އާސަހަރާ މިސްކިތުގައި އެވެ. ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިރޭ ފަތިސް ނަމާދަށް ފަހުގައި އެވެ.

މި އެކްސިޑެންޓާއި ގުޅިގެން 21 އަހަރުގެ މާހު ހަސަން ކިޔާ މީހަކު މިހާރު ވަނީ ހައްޔަރުކޮށް 15 ދުވަހަށް މުއްދަތު ޖަހާފައި އެވެ. ފުލުހުން ބުނީ އެމީހާ އެރޭ ސައިކަލު ދުއްވީ ޒިގްޒެކްކޮށް ކަމަށާއި މީގެ ކުރިން މިއަހަރު ލައިސެންސް ނެތި ސައިކަލު ދުއްވައިގެން ހަތަރު ފަހަރު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

Advertisement

ކޮމެންޓް