ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ ގާލާގެ ޕްލެޓިނަމް ސްޕޮންސަރަކަށް ބީއެމްއެލް
ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) ގެ އޭޝިއާ އޯޝޭނިއާ އަދި އިންޑިއަން އޯޝަން 2026 ގާލާ ސެރެމަނީގެ ޕްލެޓިނަމް ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.
މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޔާސިރެވެ.
10 އަހަރުގެ މެދުކެނޑުމަކަށް ފަހު މި ހަފުލާ އަލުން ރާއްޖޭގައި ބާއްވާއިރު 40 އަށް ވުރެ ގިނަ ޤައުމުގެ ނަން މަޝްހޫރު ހޮޓެލްތަކާއި ރިސޯޓުތަކުގެ އިސް ފަރާތްތަކާއި ޓޫރިޒަމް ބޯޑުތަކާއި ސަރުކާރުގެ މުއައްސަސާތަކާއި ބައިނަލްއަޤުވާމީ ޓްރެވަލް ޓްރޭޑް މީޑިއާތަކާއި އެއާލައިންތަކުން އެ އިވެންޓުގައި ބައިވެރިވާނެއެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ މި ހަފުލާ ވެގެންދާނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތައް އެއް ތަނަކުން ބައްދަލުވާ މުހިންމު ފުރުޞަތަކަށް ކަމަށެވެ. އެ ކޯޕަރޭޝަނުން ފާހަގަކުރި ގޮތުގައި ބައިނަލްއަޤުވާމީ ފެންވަރުގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ މުހިންމު ފަރާތްތަކަށް ރާއްޖެ އިޝްތިހާރުކޮށް ޕްރޮފެޝަނަލް ނެޓްވޯކްތައް ހަރުދަނާކުރުމަށް މިއީ ލިބޭ ބޮޑު ފުރުޞަތެކެވެ.
ޑަބްލިއުޓީއޭ އަކީ ބައިނަލްއަޤުވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ހޯދާ މަތީ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމަށް ބާއްވާ ހަރަކާތެކެވެ. ދުނިޔޭގެ މަޤުބޫލު މަންޒިލްތަކާއި ހޮސްޕިޓާލިޓީ ބްރޭންޑުތަކާއި ފަތުރުވެރިކަމާ ގުޅޭ ޖަމިއްޔާތަކުން މި ހަރަކާތުގައި ބައިވެރިވެއެވެ.
ވޯލްޑް ޓްރެވަލް އެވޯޑުގެ ގިނަ ދާއިރާތަކަކަށް ކޮންމެ އަހަރަކުވެސް ރާއްޖެ ހޮވޭއިރު މީގެ ކުރިން މުހިންމު ގިނަ އެވޯޑުތަކެއް ލިބިފައިވެސް ވެ އެވ.