ސޯސަންމަގު އެކްސިޑެންޓްގައި ހާލަތު ނާޒުކުވި އަންހެންމީހާ ނިޔާވެއްޖެ - އަނެއްކޮޅުން ސައިކަލު ދުއްވަން އިނީ ލައިސަންސް ނެތި ހަތަރު ފަހަރު ޖޫރިމަނާކޮށްފައިވާ ޒުވާނެއް !
މާލޭ ސޯސަންމަގުގައި އާދީއްތަ ދުވަހުގެ ރޭ ދަންވަރު ދެ ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު 26 އަހަރުގެ އަންހެން މީހާ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރު ނިޔާވެއްޖެއެވެ.
އެ އަންހެން މީހާ ނިޔާވި ހަބަރު އާއިލާގެ ފަރާތުން ފުލުހުންނަށް އެންގީ މިއަދު އިރު އޮއްސި 06:06 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ. މާތް ﷲ އެ އަންހެން މީހާގެ ފުރާނައަށް ރަހްމަތް ލައްވާށިއެވެ.
މި ހާދިސާ ހިނގީ ދަންވަރު 01:12 ހާއިރު ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. ޖުމްލަ ތިން މީހަކަށް އަނިޔާވި މި އެކްސިޑެންޓުގައި ނިޔާވި އަންހެން މީހާގެ އިތުރުން 21 އަހަރާއި 22 އަހަރުގެ ދެ ފިރިހެނަކަށް ވެސް އަނިޔާ ލިބިފައިވެއެވެ. 22 އަހަރުގެ ފިރިހެން މީހާއާއި އަންހެންމީހާގެ ސިކުނޑިއަށް ގެއްލުންވެ ހާލު ވަރަށް ނާޒުކު ކަމަށް ތަހުގީގީ އޮފިސަރު ކޯޓުގައި ފާހަގަކޮށްފައިވެއެވެ.
ބަންދު އަމުރުން އެނގޭ ގޮތުގައި އެކްސިޑެންޓު ހިންގި ސައިކަލު ދުއްވި ތ. ދިޔަމިގިލީ ހމ. އައްސޭރި މާހު ހަސަން ކިޔާ 21 އަހަރުގެ ޒުވާނާ އަކީ ދުއްވުމުގެ ލައިސަންސް ނެތް މީހެކެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ ލައިސަންސް ނެތި ބާރު ސްޕީޑުގައި ޒިގްޒެގްކޮށް ނުރައްކާތެރި ގޮތަކަށް ދުއްވައި އެހެން ސައިކަލެއްގައި ޖެހި އެކްސިޑެންޓު ހިންގުމުގެ ކުށެވެ. ކޯޓަށް ހުށަހެޅި ހެކީގެ ތެރޭގައި ސީސީޓީވީ ފުޓޭޖާއި ސްނެޕް ޝޮޓް ފޮޓޯ ރިޕޯޓާއި ޓްރެފިކް ވައިލޭޝަން ރެކޯޑު ހިމެނެއެވެ. މީގެ ކުރިން ވެސް އޭނާ ހުއްޓުވައި ޖޫރިމަނާކޮށްފައިވާ ކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
މާހު ހަސަން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ބެލުމަށް ފަހު ކޯޓުން ނިންމީ 15 ދުވަހަށް ކަސްޓޯޑިއަލް ޖަލުގައި ބެހެއްޓުމަށެވެ. އޭނާ ވަނީ ވަކީލެއް ބޭނުން ނުވާ ކަމަށް ބުނެ އެކްސިޑެންޓުގައި އޭނާއަށް ވެސް އަނިޔާ ލިބުނު ކަމަށް ބުނެ ބަންދަށް ލުޔެއް ދިނުމަށް އެދިފައެވެ.
ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 2,100 އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ.