Advertisement

އިންޑިއާގަ ކުރިމަތިލާތާ 27 އަހަރު ފަހުން މީހަކަށް ޓީޗަރެއްގެ ވަޒީފާ ލިބިއްޖެ

25 Sep 2026 | 16:42
ވިޖޭ ކުމާރް ޝަރުމާ --

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ބާޣުޕަތަށް ނިސްބަތްވާ އުމުރުން 59 އަހަރުގެ ވިޖޭ ކުމާރް ޝަރުމާ 1999 ވަނަ އަހަރުން ފެށިގެން ސަރުކާރު ޓީޗަރެއްގެ ވަޒީފާއަށް ކުރިމަތިލަމުން ގޮސް ގާތްގަނޑަކަށް 27 އަހަރު ފަހުން ސަންސްކްރިތް މާއްދާގެ ޓީޖީޓީ ޓީޗަރެއްގެ މަގާމަށް ހޮވިއްޖެއެވެ.

ޝަރުމާ ބުނީ ލިޔުމުން ހަދާ އިމްތިހާނުތައް ތަކުރާރުކޮށް ފާސްވި ނަމަވެސް އިންޓަވިއު ފާސްނުވެ ކޮންމެ ފަހަރަކު ނާކާމިޔާބުވީ ކަމަށެވެ. ޖުމްލަ އަށް ފަހަރު އިންޓަވިއުއަށް ގެންދެވުނު ނަމަވެސް އެއިން އެއްވެސް ފަހަރެއްގައި ކާމިޔާބު ނުވި ކަމަށް އޭނާ ބުންޏެވެ. ޓީޖީޓީ ރެކްރޫޓްމެންޓް އިމްތިހާނު ހަ ފަހަރު އަދި ޕީޖީޓީ ރެކްރޫޓްމެންޓް އިމްތިހާނު ހަތަރު ފަހަރު ފާސްވެފައިވާ ކަމަށް ޝަރުމާ ބުންޏެވެ.

Advertisement

މި ފަހަރު ވަޒީފާ ލިބުނީ ރެކްރޫޓްމެންޓް ޕްރޮސެސްއިން އިންޓަވިއު މަރުހަލާ އުނިކުރުމުންނެވެ. އިންޓަވިއު ނެތުމުގެ ސަބަބުން އެތައް އަހަރެއް ވަންދެން ލިޔުމުން ފާސްވެ ނާކާމިޔާބުވަމުން ދިޔަ ދިއުމަށް ނިމުމެއް އައީ ކަމަށް ޝަރުމާ ބުންޏެވެ. ގާތްގަނޑަކަށް 26 އަހަރު ވަންދެން ބަރައުތު ކައިރީގައި ހުންނަ ޑޫން ޕަބްލިކް ސްކޫލުގައި ޕްރައިވެޓް ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރަމުން ސަރުކާރު އިމްތިހާނުތަކަށް ތައްޔާރުވަމުން ދިޔައެވެ.

އެ ސްކޫލުގެ ޑައިރެކްޓަރު ޕްރަޝާންތް ކުމާރް ބުނީ ޝަރުމާ 2003 ވަނަ އަހަރުން ފެށިގެން ސްކޫލާ ގުޅިގެން ދެ ދަހައެއްހައި އަހަރު ވަންދެން ކިޔަވައިދިން ކަމަށެވެ. އޭނާގެ އަވަށުން ސްކޫލަށް ގޮސް ކުދީންނަށް ކިޔަވައިދީ ވަޒީފާގެ ޒިންމާތަކާ އެކު ސަރުކާރު އިމްތިހާނުތަކަށް ތައްޔާރުވަމުން ގެންދިޔައީ ކަމަށް ކުމާރް ބުންޏެވެ.

ޝަރުމާގެ ބައްޕަ ލަކްޝްމަން ސިންގް އަކީ ވެސް ސަރުކާރު ޓީޗަރެކެވެ. ޝަރުމާގެ ފަސް ދަރީން ތިބޭ އިރު ދެ ފިރިހެން ދަރީން ތިބީ އުއްތަރު ޕްރަދޭޝް ފުލުހުންގެ ޚިދުމަތުގައެވެ. ތިން އަންހެން ދަރީންގެ ތެރެއިން އެއް ދަރިއަކު ވެސް ޓީޗިން ވަޒީފާއަކަށް ހޮވި ވެއިޓިން ލިސްޓުގައި ހިމެނެއެވެ.

ވަޒީފާގެ ލިޔުން ލިބުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޝަރުމާ ބުނީ އެއީ ދިރިއުޅުމުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. ކޮންމެ ފަހަރަކު ވެސް ގޯސްތައް ރަނގަޅުކޮށް ފެންވަރު މަތިކޮށް އަލުން އިމްތިހާނަށް ދިޔައީ ކަމަށާއި މަސައްކަތްކުރި ސްކޫލުތަކާއި ދަރިވަރުންގެ ހިތްވަރު ވެސް ލިބުނު ކަމަށް ބުންޏެވެ. "ދަރިވަރުންނަށް ކިޔަވައިދެމުން އެ ކުދީންނާ އެކު އަމިއްލައަށް ވެސް ކިޔެވީ" ކަމަށް ޝަރުމާ ބުންޏެވެ.

ސެޕްޓެމްބަރު 22 ވަނަ ދުވަހު ލަކްނައޫގެ އިންދިރާ ގާންދީ ޕްރަތިޝްޓާންގައި ބޭއްވި ރަސްމިއްޔާތުގައި އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އާދިއްޔާނާތުގެ އަތުން ޝަރުމާއަށް ވަޒީފާގެ ލިޔުން ހަވާލުކޮށްފައިވެއެވެ. އެ ރަސްމިއްޔާތުގައި ސެކެންޑަރީ ސްކޫލުތަކަށް ހޮވުނު 3,567 ފަރާތަކަށް ވަޒީފާގެ ލިޔުން ދިން ކަމަށް އުއްތަރު ޕްރަދޭޝް ސަރުކާރުގެ މަޢުލޫމާތާއި ޕަބްލިކް ރިލޭޝަންސް ޑިޕާޓްމެންޓުން ބުންޏެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޝަރުމާ ޝާމްލީ ޑިސްޓްރިކްޓުގެ ސެކެންޑަރީ ސްކޫލެއްގައި ސަންސްކްރިތް ޓީޗަރެއްގެ ގޮތުގައި ވަޒީފާ ފެށޭ އިރު ޓީޗަރުންގެ ރިޓަޔާމެންޓް އުމުރު ކަމަށްވާ 62 އަހަރާ ހަމައަށް ގާތްގަނޑަކަށް ދެން އޮތީ ދެ އަހަރެއްހައި ދުވަހެވެ.

Advertisement

ކޮމެންޓް