Advertisement

ނިއުޔޯކްގައި ނަތަންޔާހޫއާ ދެކޮޅު މުޒާހަރާތަކުން 100 އަށްވުރެ ގިނަ މީހުން ހައްޔަރު ކުރި

25 Sep 2026 | 17:07
ނަތަންޔާހޫ އާއި ދެކޮޅަށް ނިއުޔޯކްގައި ކުރި މުޒާހަރާތަކުން ބަޔަކު ހައްޔަރު ކުރަނީ --

އިސްތިއުމާރީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ. ގެ ޢާންމު މަޖިލީހުގައި ތަޤުރީރުކުރުމާ ދިމާކޮށް އެމެރިކާގެ ވެރިރަށް ނިއު ޔޯކުގައި ކުރި މުޒާހަރާތަކުން 103 މީހުން ހައްޔަރު ކުރި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޖިއުޝް ވޮއިސް ފޮ ޕީސް (ޖޭވީޕީ) އާއި ނިއު ޔޯކް ސިޓީ ޑިމޮކްރެޓިކް ސޯޝަލިސްޓުން ގުޅިގެން އިސްނެގި އެއްވުމުގައި 400 އަށް ވުރެ ގިނަ މީހުން ބައިވެރިވެ އދ. ގެ މައި މަރުކަޒު ކައިރީ ފަސްޓް އެވެނިއުގެ ބައެއް ބަންދުކޮށްފައިވެއެވެ. މި އެއްވުމުގައި މަޝްހޫރު ފަރާތްތަކާއި ސިޔާސީ ލީޑަރުންނާއި ކެމްޕެއިން ހިންގާ ފަރާތްތައް ބައިވެރިވެފައިވާ ކަމަށް ޖޭވީޕީން ބުނެފައިވެއެވެ.

Advertisement

ނިއު ޔޯކު ފުލުހުން މުޒާހަރާކުރި މީހުންނަށް މަގު ހުސްކުރުމަށް އެންގުމަށް ފަހު 103 މީހަކު ނިޒާމު ގެއްލޭ ގޮތަށް ޢަމަލުކުރުމުގެ ކުށުގައި ހައްޔަރުކޮށް ފަހުން އެ އެންމެން ދޫކޮށްލާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. ހައްޔަރުވި މީހުންގެ ތެރޭގައި އިންތިޚާބީ ނުވަ މަޤާމެއްގައި ތިބި ފަރާތްތަކާއި ކެންޑިޑޭޓުން ހިމެނެއެވެ. ނިއު ޔޯކުގެ 13 ވަނަ ކޮންގްރެސް ދާއިރާގެ ޑިމޮކްރެޓިކް ކެންޑިޑޭޓް ޑެރިއަލީޒާ އެވީލާ ޝެވެލިއޭ ވެސް ހައްޔަރުވި ފަރާތްތަކުގެ ތެރޭގައި ހިމެނެއެވެ.

ފަލަސްޠީނު ޔޫތު މޫވްމަންޓުގެ މެމްބަރެއް ކަމަށްވާ ނާސް ޢީސާ އަލް ޖަޒީރާއަށް ބުނީ ޓްރަމްޕާއި ނަތަންޔާހޫ އެމީހުންގެ ދުނިޔެ ކުރަހާ ގޮތް ފާޅުކުރުމަށް އދ. ގެ ޢާންމު މަޖިލިސް ބޭނުންކުރަމުންދާ ކަމަށާއި އެއީ ހަނގުރާމައިގެ ޖަރީމާތައް ހިންގައި ބާރުގެ ބޭނުންކޮށްގެން ދުނިޔެ ބައްޓަންކުރުމުގެ ތަޞައްވުރެއް ކަމަށެވެ.

އެ ހަރަކާތާ ވަކީން ފަލަސްޠީނު ޔޫތު މޫވްމަންޓާއި ދަ ޕީޕަލްސް ފޯރަމް ގުޅިގެން އެތައް ހާސް ބަޔަކު އދ. ގެ މައި މަރުކަޒާ ދިމާއަށް ހިނގާލުމެއް ބާއްވާފައިވެއެވެ. ފަލަސްޠީނު ޔޫތު މޫވްމަންޓުގެ އޯގަނައިޒަރު ޠާހިރު ދަޙްލެޙް ބުނީ ބައިނަލްއަޤުވާމީ ޤާނޫނުން ފިލައިގެން އުޅޭ ފަރާތްތަކަށް ނުވަތަ ހަނގުރާމައިގެ ކުށްވެރީންނަށް މި ސިޓީ ދުވަހަކުވެސް ރައްކާތެރި މާޙައުލަކަށް ނުވާނެ ކަމަށެވެ.

ނަތަންޔާހޫ ތަޤުރީރުގައި ޣައްޒާގައި ގަތުލުޢާންމު ހިންގި ކަމުގެ ތުހުމަތު ދޮގުކޮށް އެއީ "ޤަރުނުގެ އެންމެ ބޮޑު ދޮގު" ކަމަށް ބުނެ ފަލަސްޠީނު ޢާންމުން ރައްކާތެރިކުރުމަށް ފިޔަވަޅު އެޅި ކަމަށް ވާހަކަ ދައްކާފައިވެއެވެ. އޭގެ އިތުރުން ނިއު ޔޯކު ސިޓީގެ މޭޔަރު ޒޯހުރާން މަމްދާނީ އަށް "ޔަހޫދީ ދީނާ ދެކޮޅު" ކަމުގެ ތުހުމަތުކޮށް އިސްރާއީލާ ގުޅޭ ގޮތުން ދޮގު ފަތުރާ ކަމަށް ބުނެފައިވެއެވެ.

މޭޔަރު މަމްދާނީ ރައްދުގައި ބުނީ ނަތަންޔާހޫ ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުޢާންމު ދޮވެ ސާފުކުރުމުގެ ބޭނުމުގައި ދައްކާ އެއްވެސް އަސާސެއް ނެތް ވާހަކަތައް ތަކުރާރު ކުރަނީ ކަމަށެވެ. މަމްދާނީ ފާހަގަކުރީ ނަތަންޔާހޫ އަކީ ބައިނަލްއަޤުވާމީ ޖިނާއީ ކޯޓުގެ ހައްޔަރު އަމުރެއް ނެރެފައިވާ ފަރާތެއް ކަމެވެ. އެ މޭޔަރު ކެމްޕެއިންގައި ނަތަންޔާހޫ ނިއު ޔޯކަށް އައިސްފި ނަމަ ހައްޔަރުކުރާނެ ކަމުގެ ވަޢުދެއް ވެފައިވީ ނަމަވެސް ފަހުން އެ ބާރު ލިބިގެން ނުވާ ކަމަށް ޤަބޫލުކޮށްފައިވެއެވެ.

Advertisement

ކޮމެންޓް