ވިއްސާރަވުމުން ފުލުހުންގެ ކުޑަކުދިންގެ ހަވީރު ފަސްކޮށްފި
ހުޅުމާލޭގައި ފުލުހުން ބާއްވަން ހަމަޖެއްސި ކުޑަކުދިންގެ ހަވީރު ވިއްސާރަ ވުމުން ފަސްކޮށްފި އެވެ.
ކުރިން ތާވަލުކޮށްފައި އޮތީ މިއަދު ހަވީރު 4:00 ން 6:00 އަށް ކުޑަކުދިންގެ ހަވީރު ބާއްވަންށެވެ. މި ހަވީރު ބާއްވާގޮތަށް ހަމަޖައްސާފައި އޮތީ ހުޅުމާލޭ ދެވަނަ ފިޔަވަހީ ރުއްގަނޑު ތިނެއްގައި އެވެ.
ފުލުހުން ބުނީ މި ހަވީރު ފަސް ކުރަން ނިންމީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ ކަމަށެވެ. މިއަދު ހެނދުނުން ފެށިގެން މާލެ ސަރަހައްދަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.
އެ ހަވީރުގައި ފުލުހުންގެ ތަފާތު ވެހިކަލްތަކަށް އަރައި ފޮޓޯ ނެގުމުގެ ފުރުސަތާއި ތަފާތު ގޭމުތަކައް ކުޅުމުގެ ފުރުސަތު ކުޑަކުދިންނަށް ލިބޭނެ އެވެ. އަދި ހަވީރަށްދާ ކުދިންނަށް ހަދިޔާ ދޭއިރު ހާއްސަ ލަކީޑްރޯއެއް ކުރިޔަށް ގެންދާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބާއްވާ މި ކުޑަކުދިންގެ ހަވީރު ބާއްވާނެ ތާރީހު ފަހުން އިއުލާނު ކުރާނެ އެވެ.