ތިން މިނިސްޓްރީގައި ރޯވީ ކަރަންޓު ޝޯޓަކުން، އަލިފާނުގެ ހާދިސާގެ ވީޑިއޯ އާންމުކޮށްފި
މާލޭގައި ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ އިމާރާތްތަކުގައި އަލިފާން ރޯވި މަންޒަރު ރެކޯޑުކޮށްފައިވާ ވީޑިއޯ ފުލުހުން މިއަދު ބޭއްވި ޕޮލިސް ކޮންފަރެންސެއްގައި ހާމަކޮށްފިއެވެ.
ފުލުހުން އާއްމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި 2024 ވަނަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހުގެ ފަތިހު 5:33 ގައި ހައުސިން ވުޒާރާގެ ގޯތިތެރެއިން ކަރަންޓު ކެނޑިގެން ދެއެވެ. އެއަށްފަހު ގާތްގަނޑަކަށް 45 މިނެޓު ފާއިތުވީ ފަހުން އެ ވުޒާރާގެ ގްރައުންޑް ފްލޯއާއި ފުރަތަމަ ފަންގިފިލާއާ ދެމެދުގައި ހުރި ކަރަންޓު ނަރުތަކެއްގައި ހުޅު ހިފައި ގްރީން ބިލްޑިންގައި ޑިއުޓީގައި ހުރި ބިދޭސީ ސެކިއުރިޓީ ގާޑު ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ.
ކަމާ ގުޅޭ އިދާރާތަކަށް ރިޕޯޓު ކުރުމަށް ގުޅާނެ ނަންބަރާއި ފޯނުގައި ކްރެޑިޓް ނެތުމުގެ ސަބަބުން އެ ބިދޭސީ މީހާ އެއް ތަނުން އަނެއް ތަނަށް ދުވެފައިވެއެވެ. އެހެންނަމަވެސް ފަތިހު 6:15 ހާއިރު ގްރީން ބިލްޑިން ކައިރިން ސައިކަލުގައި ދިޔަ އޮފް ޑިއުޓީ ސިފައިންގެ މީހަކު ހުއްޓުވައި އޭނާގެ އެހީތެރިކަން އެ ބިދޭސީ މީހާ ހޯދާފައިވެއެވެ. ރޯވި ހުޅުގަނޑަށް ފެން ޖަހައިގެން ނިވައިލީ ނަމަވެސް ދުން އެރުން ނުހުއްޓުމާ ގުޅިގެން ގްރީން ބިލްޑިންގެ ސެކިއުރިޓީ އޮފިސަރާއި ސިފައިންގެ މީހާ ހައުސިން ވުޒާރާގެ ސެކިއުރިޓީ ގާޑަށް އެ ހާދިސާ ރިޕޯޓު ކުރުމަށް އެ އިމާރާތަށް ވަދެފައިވެއެވެ.
ވީޑިއޯއިން އިތުރަށް ފެންނަ ގޮތުގައި އެއަށް ފަހު ކުޑައިރުކޮޅެއް ތެރޭ އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން ހައުސިން ވުޒާރާގެ ފްލޯތަކަށާއި ގްރީން ބިލްޑިން ސަރަހައްދަށް ގޮސްފައިވެއެވެ. ސިފައިން ހަރަކާތްތެރިވަމުން ދަނިކޮށް ހުޅުގަނޑު ފަޅައިގެން ގޮސް އެ ދުވަހުގެ މެންދުރު 12:40 ހާއިރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނެވެ. ނަމަވެސް އެއްކޮށް ނިވައިލެވުނީ މެންދުރުފަހު 3:30 ގައެވެ.
އެ ހާދިސާގައި ޓިނު ބިލްޑިންގައި ރޯވެ ހައުސިން ވުޒާރާއާއި ކޮންސްޓްރަކްޝަން ވުޒާރާ އަދި އެންވަޔަރަންމަންޓް ވުޒާރާ ބޭނުން ނުކުރެވޭ މިންވަރަށް އަނދައިފައިވެއެވެ. އެހެންވެ އެ ތިން ވުޒާރާ ވަގުތީ ގޮތުން ހިންގަމުން ގެންދަނީ ދަރުބާރުގޭގައެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އެއީ ބަޔަކު ގަސްދުގައި ހިންގި ޢަމަލެއް ކަމަށް ވިދާޅުވެފައި ވީ ނަމަވެސް ފުލުހުން މިއަދު ބުނެފައިވަނީ އެ ހާދިސާގައި އެއްވެސް ފަރާތަކަށް ތުހުމަތުވާ ފަދަ ކަމެއް ފާހަގަވެފައި ނެތް ކަމަށެވެ. ފުލުހުންގެ ތަޙުޤީޤު އަދިވެސް ކުރިއަށް ގެންދާ ކަމެއް ކަމެއް ނުވަތަ ނިމިފައިވާ ކަމެއް ކަމެއް ސާފެއް ނުވެއެވެ.