Advertisement

ރާއްޖެ-ޗައިނާ ގުޅުމަކީ ފާގަތި މުސްތަޤުބަލަކަށް ބިނާކުރަމުންދާ ގުޅުމެއް: ރައީސް

24 Sep 2026 | 18:32
ޗައިނާގެ ގައުމީ ދުވަހަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި ރައީސް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއާއި ޗައިނާގެ ގުޅުމަކީ ފުރުޞަތާއި ތަނަވަސްކަމާއި ފާގަތި މުސްތަޤުބަލަކަށް ބިނާކުރަމުންދާ ގުޅުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޗައިނާގެ 77 ގައުމީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމީ ރިސެޕްޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރިސެޕްޝަނަކީ ޗައިނާގެ 77 ވަނަ ޤައުމީ ދުވަހާއި ހާއްސަ ފެސްޓިވަލް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާއެކެވެ.

Advertisement

މި ހަފްލާގައި ރައީސް ފާހަގަކުރެއްވި ގޮތުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ބިނާވެފައިވަނީ އެއް ޤައުމު އަނެއް ޤައުމަށް އިޙްތިރާމްކުރުމާއި ސިޔާދަތީ ހަމަހަމަކަމާއި ޞުލްޙަވެރި ގުޅިގެން އުޅުމުގެ މައްޗަށެވެ. އެމަނިކުފާނު ވަނީ ވަން ޗައިނާ ސިޔާސަތަށް ރާއްޖެއިން ދޭ ފުރިހަމަ ތާއީދުވެސް ފާހަގަކުރައްވައިފައެވެ. ހަމައެއާއެކު 2024 ވަނަ އަހަރު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ދެ ޤައުމުގެ ގުޅުން ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕެއްގެ ފެންވަރަށް ބަދަލުވެގެންދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޤައުމީ ތަރައްޤީއަށް ޗައިނާއިން ދެމުންގެންދާ އެހީތެރިކަމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ ޒަމާނީ ސިޓީ ތަރައްޤީގެ މަޝްރޫޢުތަކާއި ދެމެހެއްޓެނިވި ޖަޒީރާ އިންފްރާސްޓްރަކްޗާއާއި ތަޢުލީމާއި ފަންނީ ތަމްރީނާއި މުއައްސަސާތައް ހަރުދަނާކުރުމުގެ ދާއިރާއިން ޗައިނާއިން ފޯރުކޮށްދޭ އެއްބާރުލުން ފާހަގަކޮށްލެވޭ ކަމަށެވެ. މީގެ އިތުރުން ޗައިނާ-ރާއްޖެ ރަޙްމަތްތެރިކަމުގެ ބްރިޖާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި އެހެނިހެން ތަރައްޤީގެ ހަރަކާތްތަކުގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފްޓީއޭ) ސަބަބުން ވިޔަފާރީގެ ފުރުޞަތުތައް ފުޅާވަމުންދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ހަލަބޮލިކަމުގެ ސަބަބުން ފުރާނައާއި އިޤުތިޞާދާއި ބައިނަލްއަޤުވާމީ ބާޒާރުތަކަށް ނޭދެވޭ އަސަރުކުރަމުންދާކަން ފާހަގަކުރައްވައި ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް (ސީޑްސް) އެ ލޮޅުންތަކުގެ ގެއްލުން ޚާއްޞަކޮށް ބޮޑުކަމުގައި ރައީސް ވިދާޅުވިއެވެ. މަޝްވަރާއާއި އެއްބާރުލުމާއި އިޙްތިރާމާއި އިތުބާރުގެ މުހިންމުކަން ފާހަގަކުރައްވައި ޞުލްޙައިން ތަރައްޤީއަށް ޖާގަ ހުޅުވެނީކަމާއި ހަމަޖެހުމުން ތަނަވަސްކަމުގެ ބިންގާ އެޅެނީ ކަމާއި ގުޅިގެން މަސައްކަތްކުރުމުން ގޮންޖެހުންތައް ގިރާކުރާނެ ބާރު ޤައުމުތަކަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ޗައިނާގެ ހަތަރު ގްލޯބަލް އިނީޝިއެޓިވް ހިމެނޭ ގޮތުން ރާއްޖެއާއި ޗައިނާގެ ގުޅުން ފުޅާކުރައްވައި ރާއްޖޭގެ ޤައުމީ ތަރައްޤީގެ އަމާޒުތަކާ ޕާޓްނާޝިޕް އެއްގޮތްކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ފާޅުކުރެއްވިއެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށާއި ޗައިނާ ސަރުކާރަށާއި ޗައިނާ ރައްޔިތުންނަށް މަރުޙަބާ ވިދާޅުވެ ޗައިނާއަށް ކާމިޔާބީ ލިބެމުންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މި ރިސެޕްޝަންގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ކެބިނެޓް ވަޒީރުންނާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކޮން ޝިއަންހުއާ އާއި ރާއްޖެއާއި ޗައިނާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

ކޮމެންޓް