ހެއްވާ މަޖާ ރޯލުތަކުން ފެނިގެންދިޔަ މުޝްތާގް ހާން ކެންސަރު ބަލީގައި މަރުވެއްޖެ
ބޮލީވުޑްގެ ގިނަ ފިލްމުތަކުން ބެލުންތެރިންގެ ހިތްތައް އުފާވެރިކަން ގެނެސްދިން އެކްޓަރު މުޝްތާޤް ޚާން ދިގު މުއްދަތެއް ވަންދެން ކެންސަރު ބައްޔާ ހަނގުރާމަކުރުމަށް ފަހު މަރުވެއްޖެ އެވެ.
މަރުވި އިރު އޭނާގެ އުމުރަކީ 56 އަހަރެވެ.
މުޖްސޭ ޝާދީ ކަރޯގީ އާއި ވެލްކަމް އާއި އާޝިޤީ އަދި ގަދަރް 2 ފަދަ ފިލްމުތަކުގައި ހަނދާނުން ފޮހެލަން ދަތި ރޯލުތައް ކުޅެފައިވާ މުޝްތާޤް ޚާނަށް ކުރިން ކެންސަރު ޖެހި ފަރުވާ ހޯދައިގެން ރަނގަޅުވެފައިވާ ކަމަށް އާއިލާއިން ބުނެފައިވެއެވެ.
އާއިލާއިން ބުނީ މީގެ ގާތްގަނޑަކަށް އަށެއްހާ ދުވަސް ކުރިން ކެންސަރުގެ ހާލަތު އަނެއްކާވެސް ގޯސްވުމުގެ ކުރިން އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ކެންސަރު އަލުން ޖެހުނީ ނުރައްކާތެރި ހާލަތެއްގައި ކަމަށާއި އެއާ އެކު ހޮސްޕިޓަލުގައި އެޑްމިޓުކުރެވުނު ކަމަށް ބުނެފައިވެއެވެ. ރި
ޕޯޓުތައް ބުނާ ގޮތުން މުމްބައިގެ ނަނަވަތީ ހޮސްޕިޓަލުގައި މުޝްތާގު މަރުވީ އައިސީޔޫގައި ފަރުވާދޭތާ 15 ދުވަސް ފަހުންނެވެ.
ކެންސަރު ބަލީގެ ފަރުވާއަށް ފަހު ރަނގަޅުވެ ހަށިގަނޑުން ބަލި ނުފެންނަ ހިސާބަށް ދިޔަ ނަމަވެސް ބައެއް ފަހަރު ބަލި އަލުން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ފުރަތަމަ ފަރުވާ އިން ސަލާމަތްވާ ކެންސަރު ސެލްތައް ހަށިގަނޑުގައި ދެމިހުރެ ޓެސްޓުތަކުންނާއި ސްކޭންތަކުން ނުފެންނަ ވަރަށް ކުޑަކޮށް ހުރެފައި ފަހުން އިތުރުވާން ފެށުމަކީ މިފަދަ ހާލަތެއް ދިމާވާ ސަބަބެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކަން ކެންސާ ސޯސައިޓީން ފާހަގަކުރާ ގޮތުގައި ބަލި ދެނެގަނެ ފަރުވާ ދިނުމަށް ފަހު ފުރަތަމަ ފަސް އަހަރު ތެރޭ ބަލި އެނބުރި އައުމުގެ ފުރުސަތު ބޮޑު ނަމަވެސް އެއަށް ވުރެ ފަހުންވެސް ބަލި އައުން އެކަށީގެންވެއެވެ. ބަލީގެ ބާވަތާއި ދެނެގަނެވުނު މަރުހަލާ އާއި ޓިއުމަރުގެ ސިފަތަކާއި ފުރަތަމަ ފަރުވާގެ ނަތީޖާ ފަދަ ކަންކަމަށް ބިނާކޮށް ބަލި އެނބުރި އައުމުގެ ނުރައްކާ ތަފާތުވެއެވެ.