ޔޫކުރެއިނުން އުތުރު ކޮރެއާގެ ހަނގުރާމައިގެ ސިފައިންތަކެއް ދެކުނު ކޮރެއާއާ ހަވާލުކޮށްފި!
އުތުރު ކޮރެއާގެ ހަނގުރާމައިގެ ދެ އަސީރަކު ދެކުނު ކޮރެއާއަށް ފޮނުވާފައިވާ ކަމަށް ޔޫކުރެއިނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ އދ. ގެ ޢާންމު މަޖިލީހުގައި ތަޤުރީރުކުރައްވަމުން ވިދާޅުވެއްޖެއެވެ.
ޒެލެންސްކީ ވިދާޅުވީ ރަޝިއާ ޔޫކްރެއިން ހަނގުރާމައިގަ ރަޝިއާއަށް ވާގިވެރިވަމުންދާ އުތުރު ކޮރެޔާގެ ހަނގުރާމައިގެ ދެ އަސީރުން (ގައިދީން) ދެކުނު ކޮރެޔާ އަށް މިފަހުން ފޮނުވާލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ހައްޔަރު ކުރުން ފަސޭހަ ވާނެ ބައެއް ނޫންކަމަށް ހިތާ އުޅުނު އެ ދެމީހުން ހައްޔަރު ކުރުމުން އެކަކު މަރުވާ މަސައްކަތް ކުރި ނަމަވެސް އެފުރުސަތު ދީފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
ޕިއޮންގްޔޭންގެ ލީޑަރު ކިމް ޖޮންގް އުން އެ ސިފައިން ފައިސާ ފަދައިން ބޭނުންކޮށް ބަދަލުގައި ކޮންމެވެސް އެއްޗެއް ހޯދާ ކަމަށް ޒެލެންސްކީ ތުހުމަތުކުރެއްވިއެވެ. އޭޝިއާގެ ޤައުމުތަކަށް އުތުރު ކޮރެއާގެ ބެލިސްޓިކް މިސައިލް ޤާބިލުކަމާއި ޑްރޯން ޓެކްނޮލޮޖީ ކުރިއެރުވިފައިވާ މިންވަރު ފާހަގަކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޔޫކުރެއިނާއި ދެކުނު ކޮރެއާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރުން ފެށިގެން ގާތްގަނޑަކަށް 15,000 އުތުރު ކޮރެއާ ސިފައިން ރަޝިޔާގެ ހަނގުރާމައަށް ފޮނުވާފައިވެއެވެ. އެ ސިފައިންގެ ބޮޑު ބައެއް ހަރަކާތްތެރިވީ ރަޝިޔާގެ ކުރްސްކް ސަރަހައްދުގައެވެ. ޔޫކުރެއިން ސިފައިން މި ދެ އަސީރުން ހައްޔަރުކުރީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ހަމަ އެ ސަރަހައްދުންނެވެ.
އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ގޮވާލީ އެ ދެ ސިފައިން އުތުރު ކޮރެއާއަށް ފޮނުވައިނުލައި ދެކުނު ކޮރެއާއަށް ބަދަލުކުރުމަށެވެ. އެއީ އެ މީހުން އަނބުރާ ފޮނުވައިފި ނަމަ ކުރިމަތިވެދާނެ ބޮޑެތި އަދަބުތަކާ ހެދި ކަމަށެވެ. ދެކުނު ކޮރެއާގެ މީޑިއާ ރިޕޯޓުކުރި ގޮތުގައި ހައްޔަރުކުރެވުނު ދެ ސިފައިން ވެސް ބޭނުންވީ ދެކުނު ކޮރެއާއަށް ހިޖުރަކުރުމަށެވެ.
ދެކުނު ކޮރެއާގެ ޚާރިޖީ ވުޒާރާއިން ޒެލެންސްކީ ވިދާޅުވި ވާހަކަ ދޮގެއް ނުކުރެއެވެ. ނަމަވެސް ބަދަލުކުރުމުގެ ތަފްސީލް ކަށަވަރުކޮށްދޭން ދެކޮޅު ހެދީ ހިމެނޭ ފަރާތްތަކުގެ ރައްކާތެރިކަމާއި އާއިލާގެ ސަލާމަތަށް ޓަކައި ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅޭ މަޝްވަރާ ޖުލައި މަހު ތުރުކީގެ ވެރިރަށް އަންކާރާގައި ބޭއްވުނު ސަމިޓެއްގައި ދެ ޤައުމުގެ ވެރީންގެ މެދުގައި ކުރިއަށް ދިޔައެވެ. ދެކުނު ކޮރެއާގެ ރައީސް ލީ ޖެ މިއޮންގް އާއި ޒެލެންސްކީ ބައްދަލުކުރެއްވި އެ ސަމިޓަށް ފަހު ރައީސް އޮފީހުގެ ސީނިއާ ތަރުޖަމާނު ކެންގް ޔޫ ޖޮންގް ބުނީ ބައިނަލްއަޤުވާމީ ޤާނޫނާއި އިންސާނީ އުސޫލުތަކާ އެއްގޮތަށް ހިމެނޭ ފަރާތްތަކުގެ މިނިވަން އިޚުތިޔާރަށް ހުރުމަތްތެރިކޮށް ހިތައިގެން ހަނގުރާމައިގެ އަސީރުންގެ މައްސަލަ ޙައްލުކުރަން ދެ ލީޑަރުން އެއްބަސްވެވަޑައިގެންނެވި ކަމަށެވެ.