Advertisement

އިންޑިއާގައި ދަރިވަރެއްގެ މަރާ ގުޅިގެން މައިންބަފައިން ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ކުރަނީ!

24 Sep 2026 | 18:48
އައިއައިޓީ ބޮންބޭގެ ކެމްޕަހެއް --

އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލިޖީ ބޮމްބޭގައި ކިޔަވަމުން ދިޔަ 20 އަހަރުގެ ދަރިވަރަކު ހޮސްޓެލް ކޮޓަރީގައި މަރުވެފައި އޮއްވައި ފެނުނު މައްސަލައިގައި އެ ދަރިވަރުގެ މައިންބަފައިން އިންޑިއާގެ މުމްބާއީގެ އާޒާދް މައިދާނުގައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ފަށައިފިއެވެ.

ބީޓެކް ކޯހުގައި ކިޔަވަމުން ދިޔަ އެ ދަރިވަރު ސެޕްޓެމްބަރު 18 ވަނަ ދުވަހު ފެނުނީ އާދައިގެ ގޮތަކަށް ނޫން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން އެ ދުވަހު ކުރިޔަށް ދިޔަ އިމްތިޙާނެއް ހަދަމުން ދިޔަވަގުތު ފޯނެއް ގެންގުޅުނު ކަމަށް ތުހުމަތުކުރެވިގެން ހިފެހެއްޓިތާ މަދު ގަޑިއިރެއްގެ ތެރޭގައި އެ ދަރިވަރު ފެނުނީ މަރުވެފައި އޮއްވަ އެވެ.

Advertisement

އެ ހާދިސާ އާއި ގުޅިގެން އޭނާގެ މައިންބަފައިން ގެންދަނީ ދަރިވަރަށް އަނިޔާ ދިން ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. އެ ދެމަފިރިން ބުނީ ކޮލެޖުން ކުއްޖާއަށް ނަސްލީ ތަފާތު ކުރުމާއި ތަކުރާރުކޮށް ކުރިމަތިލާން ޖެހުނު ކަމަށް ކުރިން ބުނެފައިވާ ކަމަށެވެ.

މައިންބަފައިން ވަނީ ޝެޑިއުލްޑް ކާސްޓްތަކާ ބެހޭ ޤައުމީ ކޮމިޝަނުގެ ޗެއާމަނާ މުމްބާއީގައި ބައްދަލުކޮށް ތަޙުޤީޤު އަވަސްކޮށްދިނުމަށް އެދި މެމޮރެންޑަމެއް ހުށަހަޅައިފައެވެ. އެ ޢާއިލާއިން ވަނީ އެ ކޮލެޖުގެ ދެ މުދައްރިސެއް ކަމުގައިވާ ޕްރޮފެސަރު ސޫރިޔާނާރާޔަނާ ޑޫލާ އަދި އިންސްޓިޓިއުޓުގެ ޑައިރެކްޓަރު ޝިރީޝް ކެދާރޭ ވަގުތުން ހައްޔަރުކުރުމަށް ގޮވާލައިފައިވެއެވެ.

މައިންބަފައިންގެ ހަޅުތާލު ފަށާފައިވަނީ އިއްޔެ އެމީހުން ހަޅުތާލު ކޮށްފާނެ ކަމަށް ބަލައި ގަދަކަމުން އަމިއްލަ ކާރަކަށް އަރުވައިގެން މުމްބާއީން ނެރެ 555 ކިލޯމީޓަރު ދުރުގައި އޮންނަ ޑިސްޓްރިކްޓަށް ގެންދިޔަ ކަމަށް ތުހުމަތުކޮށްފައި ވަނިކޮށެވެ. ސޯޝަލް މީޑިއާގައި ވައިރަލްވި ވީޑިއޯއެއްގައި ޢާއިލާއިން ބުނީ ޑްރައިވަރު ކައިރީ ތަކުރާރުކޮށް ކޮންތާކަށްތޯ ގެންދަނީ ސުވާލުކުރި ކަމަށާއި ޑްރައިވަރު ބުނަމުން ދިޔައީ ގެއަށް ގެންދާ ކަމަށެވެ. އެ ވަގުތު ވަރުބަލިވެ ނިދިޖެހިފައި ތިބި ކަމަށް ވެސް ޢާއިލާއިން ބުނެފައިވެއެވެ.

މި މައްސަލައިގައި ޢާއިލާއިން ދޫ ދިނުމެއް ނެތި އިންސާފު ހޯދުމުގެ ހަޅުތާލު ކުރިއަށް ގެންދާނެ ކަން ހާމަކޮށްފައިވެއެވެ.

Advertisement

ކޮމެންޓް