Advertisement

ޝާހް ރުކް ޚާން ދުނިޔޭގެ އެންމެ މުއްސަނދި އެކްޓަރަށް ވެއްޖެ

24 Sep 2026 | 14:32
ޝާހްރުކް ހާން --

ހުރޫން އިންޑިއާ ރިޗް ލިސްޓުގައި ބޮލީވުޑްގެ ސުޕަރސްޓާ ޝާހް ރުކް ޚާންގެ މިލްކިއްޔާތު 1.4 ބިލިއަން ޑޮލަރަށް އަރައިފި އެވެ.

މިއާއެކު މަސައްކަތުގައި ދެމިހުރި ދުނިޔޭގެ އެންމެ މުއްސަނދި އެކްޓަރުގެ ލަޤަބު އެ ތަރިއަށް ވަނީ ލިބިފައި އެވެ.

Advertisement

ހުރޫންގެ ލިސްޓުގައި ޝާހް ރުކް ޚާން ފުރަތަމަ ހިމެނުނީ މީގެ އެއް އަހަރު ކުރިން 7,300 ކުރޯޑު ރުޕީސްގެ މިލްކިއްޔާތަކާ އެކުގައެވެ. މިހާރު އެ ޢަދަދު ގާތްގަނޑަކަށް 12,490 ކުރޯޑު ރުޕީސް (1.4 ބިލިއަން ޑޮލަރު) އަށް އުފުލި ބިލިއަނަރުންގެ ސަފުގައި ޝާހް ރުކް ޚާން ފުރަތަމަ ފަހަރަށް ހިމެނިގެން ދިޔައީއެވެ.

މި ޢަދަދާ އެކު ޓެއިލާ ސުވިފްޓް (1.3 ބިލިއަން ޑޮލަރު) އާނޯލްޑް ޝުވާޒެނެގާ (1.2 ބިލިއަން ޑޮލަރު) ޖެރީ ސެއިންފީލްޑް (1.2 ބިލިއަން ޑޮލަރު) އަދި ސެލީނާ ގޮމޭޒް (720 މިލިއަން ޑޮލަރު) ފަދަ ދުނިޔޭގެ ބޮޑެތި ތަރީންނަށް ވުރެ ކުރިއަށް ޝާހް ރުކް ޚާން ޖެހިލައިފައިވެއެވެ.

ހުރޫންގެ ހިސާބުތައް ދައްކާ ގޮތުގައި މި ބޮޑު ކުރިއެރުމުގެ ފަހަތުގައި ވަނީ ދެ މައިގަނޑު ވިޔަފާރިއެވެ. އެއީ ޝާހް ރުކް ޚާންގެ ޕްރޮޑަކްޝަން ކުންފުނި ރެޑް ޗިލީޒް އެންޓަރޓެއިންމެންޓާއި ނައިޓް ރައިޑާޒް ސްޕޯޓްސް މެދުވެރިކޮށް ކޮލްކަޓާ ނައިޓް ރައިޑާޒްގައި އޮތް ޙިއްޞާއެވެ.

މީގެ އިތުރުން މުމްބައި ޑެލީ ދުބާއި ލަންޑަން އަދި ލޮސް އެންޖެލިސްގައި ރިއަލް އެސްޓޭޓް ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ތަރީގެ ބަންޑާރާ ގޭ "މަނަތް" ގެ އަގު ގާތްގަނޑަކަށް 200 ކުރޯޑު ރުޕީސް ކަމަށް އަންދާޒާ ކޮށްފައިވެއެވެ.

އެއްވެސް އެއްޗެއް ނެތި ދާއިރާއަށް ވަން ތަރިއެއް ދުނިޔޭގެ އެންމެ އަގުބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނިގެން ދިއުމަކީ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

Advertisement

ކޮމެންޓް