Advertisement

ވައިޓް ހައުސްއަށް ވަނުން މަނާކުރި ނޫސްވެރިންގެ ހުއްދަ އިއާދަކުރަން ކޯޓުން އަމުރުކޮށްފި

24 Sep 2026 | 11:28
އެމެރިކާގެ ރައީސ ްޑޯނަލްޑް ޓްރަމްޕް --

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ސީއެންއެން އާއި އެމްއެސް ނައު އާއި ޕޮލިޓިކޯގެ ނޫސްވެރިންނަށް ވައިޓް ހައުސްއަށް ވަނުން މަނާކުރި މައްސަލައިގައި އެ ފިޔަވަޅު ޤާނޫނުއަސާސީއާ ޚިލާފުވުން ގާތް ކަމަށް ނިންމައި ނޫސްވެރިންގެ ހުއްދަ އިއާދަކުރުމަށް ފެޑެރަލް ފަނޑިޔާރަކު އަމުރުކޮށްފިއެވެ.

މި އަމުރު ނެރުއްވީ އެމެރިކާގެ ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރު ޓިމޮތީ ކެލީއެވެ. ތިން މީޑިއާ ކުންފުނިން ވައިޓް ހައުސް އާއި ސީނިއާ އޮފިޝަލުންނާ ދެކޮޅަށް ފެޑެރަލް ކޯޓުގައި ދައުވާ ކުރީ ވައިޓް ހައުސްއަށް ވަނުމުގެ ހުއްދަ ބާތިލުކޮށް ޕްރެސް ކްރެޑެންޝަލްތައް ޑީއެކްޓިވޭޓް ކުރުމުންނެވެ. އެ ތިން އިދާރާއިން ބުނެފައިވަނީ ސަރުކާރުގެ ނިންމުމުން އެ ފަރާތްތަކުގެ ފުރަތަމަ އިސްލާޙުގެ (ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭ) ޙައްޤުތަކާއި ފަސް ވަނަ އިސްލާޙުގެ ޑިއު ޕްރޮސެސްގެ ޙައްޤުތައް ގެއްލިފައިވާ ކަމަށެވެ.

Advertisement

ޓްރަމްޕް ސެޕްޓެމްބަރު 18 ގައި އިޢުލާންކުރީ މި ތިން މީޑިއާ ކުންފުނީގެ ނޫސްވެރިންނަށް ވައިޓް ހައުސް ކަވަރުކުރުން ހުއްޓުވާނެ ކަމަށެވެ. ޓްރަމްޕް ސިފަކުރި ގޮތުގައި އެ އިދާރާތަކުން ޝާއިޢުކުރަނީ ދޮގާއި ފިކްޝަނެވެ. ޓްރަމްޕްގެ ސަރުކާރުން ކޯޓުގައި ދިފާޢުވެ ބުނެފައިވަނީ އެ ނޫސް އިދާރާތަކުން ޕްރޮފެޝަނަލް މިންގަނޑުތައް މުގުރައި ނާޒުކު މަޢުލޫމާތު ޝާއިޢުކޮށްފައިވާ ކަމަށެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ފާހަގަކުރީ ވައިޓް ހައުސްއަށް ވަނުމަކީ ޤާނޫނީ ޙައްޤެއް ނޫން ކަމަށާއި އެއީ ދެވޭ އިމްތިޔާޒެއް ކަމަށެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި ފަނޑިޔާރު ކެލީ ސީބީއެސް ރިޕޯޓުކޮށްފައިވާ ގޮތުން ސަރުކާރުގެ ދައުވާތަކާ މެދު ޝައްކު ފާޅުކުރެއްވިއެވެ. ނޫސްވެރިންގެ ކްރެޑެންޝަލް ބާތިލުކުރުމުގެ ކުރިން ޤާއިމުވެފައިވާ އިޖުރާއާތު ވައިޓް ހައުސް އިން ފުރިހަމަކުރިތޯ ފަނޑިޔާރު ސުވާލު އުފެއްދެވިއެވެ. ކުރީގެ މައްސަލަތަކުގައި ކަނޑައެޅިފައިވާ ގޮތުން ނޫސްވެރިންނަށް ކްރެޑެންޝަލް ބާތިލުކުރާ ސަބަބު އެންގުމާއި އެކަމާ ދެކޮޅު ހެދުމުގެ ފުރުޞަތު ލިބެންޖެހެއެވެ. ނަމަވެސް ވައިޓް ހައުސް އިން ސަބަބުތައް ބަޔާންކޮށް ސިޓީ ފޮނުވީ ކްރެޑެންޝަލްތައް ބާތިލުކުރި ފަހުންނެވެ. ފަނޑިޔާރު ކެލީ އަކީ ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ފެޑެރަލް ބެންޗަށް ޢައްޔަންކުރެއްވި ފަނޑިޔާރެކެވެ. އެ ބޭފުޅާ 2018 ގައި ވެސް ސީއެންއެންގެ ނޫސްވެރިއެއްގެ ވައިޓް ހައުސް ހުއްދަ އިޔާދަކުރުމަށް އަމުރުކުރައްވާފައިވެއެވެ.

ނޫސްވެރިން ވައިޓް ހައުސް އިން ބޭރުކުރުމާ ގުޅިގެން ބޮޑެތި ޓީވީ ނެޓްވޯކްތަކުން އެމެރިކާގެ ރައީސްގެ ހަރަކާތްތައް ދެއްކުން މެދުކަނޑައިލިއެވެ. ބަދަލު ޕޫލް ހަމަޖެހިފައި ނެތުމުން ބައެއް ރިޔާސީ ހަރަކާތްތައް ޓީވީން ފެނުމުގެ އިންތިޒާމު ގެއްލުނެވެ. ހޯމަ ދުވަހު ވައިޓް ހައުސްގެ އާ ހެލިޕެޑެއް ޓްރަމްޕް ހުޅުވި ރަސްމިއްޔާތުގައި ވެސް ޓީވީ ޕޫލް ނެތުމުން ވައިޓް ހައުސްގެ ލައިވް ސްޓްރީމުން ފެނުނީ ހެލިކޮޕްޓަރުގެ އަޑު ޓްރަމްޕްގެ ވާހަކައިގެ އަޑު ކަނޑައިލި މަންޒަރެވެ. މީގެ އިތުރުން ވައިޓް ހައުސް އިން "ޓްރަމްޕް ޓީވީ" ގެ ނަމުގައި 24 ގަޑިއިރު ސްޓްރީމް ކުރާ އޮންލައިން ޚިދުމަތެއް ތަޢާރަފުކޮށްފައިވެއެވެ.

Advertisement

ކޮމެންޓް