"ދި އާލީ ސްޕްރިންގް" ނެޓްފްލިކްސްގައި ޗައިނާ ޑްރާމާތަކުގެ ހުރިހާ ރެކޯޑް މުގުރާލައިފި
ޗައިނީޒް ޑްރާމާ ސިލްސިލާ "ދި އާލީ ޕްރިންގް" ނެޓްފްލިކްގައި ޗައިނީޒް ޑްރާމާތަކުގެ ހުރިހާ ރެކޯޑެއް މުގުރާލައިފި އެވެ.
އެ ސިލްސިލާ ނެޓްފްލިކްސްގައި ރިލީޒް ކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. 24 އެޕިސޯޑުގެ ސިލްސިލާ އެއްކޮށް ރިލީޒްކޮށް ނިންމީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ.
ޗައިނާގެ މަޝްހޫރު ތަރިން ކަމަށްވާ ޖިންގް ބޮރާން އާއި ސުން ޗިއާން ލީޑް ރޯލުން ފެނިގެންދާ އެ ޑްރާމާ ނެޓްފްލިކްސްގެ ހަފުތާ ޗާޓުގައި ޖެހިޖެހިގެން ހަތަރު ހަފުތާ ދެމިއޮތް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެއީ ފާއިތުވި ތިން އަހަރުގެ ޗައިނީޒް ޑްރާމާގެ ރެކޯޑެއް ކަމަށްވެ އެވެ.
ހަތަރު ހަފުތާ ތެރޭގައި ޖުމުލަ 9.7 މިލިއަން ވިއުޒް ހޯދައި މި ސިލްސިލާ ވެފައިވަނީ ފަހުގެ ތާރީޚުގައި ނެޓްފްލިކްސްގެ ހަފުތާ ޗާޓުގައި އެންމެ ގިނަ ބެލުންތެރިން ބެލި ޗައިނީޒް ޑްރާމާއަށެވެ.
ފުރަތަމަ ހަފުތާގައި 2.4 މިލިއަން ވިއުޒް ލިބި ދެވަނައަށް އެރިއިރު ދެވަނަ ހަފުތާގައި 3.2 މިލިއަން ވިއުޒް ހޯދައި ހަމަ ދެވަނައިގައި ދެމިއޮތެވެ. ތިންވަނަ ހަފުތާގައި 2.5 މިލިއަން ވިއުޒް ލިބުނުއިރު ފަހު ހަފުތާގައި 1.6 މިލިއަން ވިއުޒާ އެކު ދުނިޔޭގެ އަށްވަނައިގައި ހިމެނުނެވެ.
ނެޓްފްލިކްސްގެ ހަފުތާ ޗާޓުގައި ހަތަރު ހަފުތާ ވަންދެން ދެމިއޮތުމުގެ ރެކޯޑް ކުރީން ހޯދާފައިއޮތީ ޗައިނާގެ ޑްރާމާ ސިލްސިލާ "ޕާސޫޓް އޮފް ޖޭޑް" އެކަނި ކަމަށްވާއިރު ދި އާލީ ސްޕްރިންގް ވަނީ އެ ރެކޯޑާ ހަމަކޮށްފައެވެ. މީގެ އިތުރުން ހަފުތާ ޗާޓުގައި ޗައިނީޒް ޑްރާމާއަކަށް ލިބުނު އެންމެ މަތީ ރޭންކިންގެ ރެކޯޑް ވެސް މި ސިލްސިލާއަށް ލިބިފައިވެއެވެ.