Advertisement

ސީރިއަލް ޕެކެޓުގައި ބޭރު ފައިސާ ބޭރުކުރަން އުޅުނު މީހުންގެ ބަންދަށް 10 ދުވަސް - އިސްކޮށް ހުރި ކަމަށް ބެލެވެނީ އަޖްގަރު މިރިދާ

19 Sep 2026 | 20:31
-

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ސީރިއަލް ޕެކެޓުތަކެއްގެ ތެރެއަށް ފޮރުވައިގެން 3.9 މިލިއަން ރުފިޔާގެ ބޭރު ފައިސާ ބޭރުކުރަން މަސައްކަތް ކުރި ބަންގްލަދޭޝްގެ ހަ މީހެއްގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިފިއެވެ. މި އެންމެންގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިންގެ ތުހުމަތެވެ.

ބަންދު އަމުރުން އެނގޭ ގޮތުގައި މި ކަމުގައި އިސްކޮށް ހުރި ކަމަށް ބެލެވެނީ އުމުރުން 37 އަހަރުގެ އަޖްގަރު މިރިދާއެވެ. މީނާ ބުނެފައިވާ ގޮތުގައި، އޭނާއަކީ އަތޮޅުތެރޭ ރަށެއްގައި ހަތް ހާސް ރުފިޔާގެ މުސާރައަކަށް މޭސަނެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. ބަންގްލަދޭޝަށް ނުދާތާ ދެތިން އަހަރު ވެއްޖެ ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް އެއާޕޯޓުން 31 އަހަރުގެ ރަޖީބް ކިޔާ މީހަކު ދިމާވެގެން، ލަގެޖު ބަރުދަން އިތުރުވާތީ އެހީތެރިވާން އެދުނީ ކަމަށް ބުނެފައިވެއެވެ. ރަޖީބް ނުދަންނަ ކަމަށާއި، އެ ތަނުގައި ތިއްބާ އިތުރު ބަންގްލަދޭޝް މީހަކު ވެސް އައިސް މުދާތަކެއް ގެންގޮސްދޭން އެދުނު ކަމަށާއި، ފައިސާ ފެނުނީ އެ ލަގެޖުން ކަމަށް ބުނެފައިވެއެވެ.

Advertisement

ރަޖީބް ބުނެފައިވާ ގޮތުގައި، ފައިސާ ފެނުނު ލަގެޖާ ހަވާލުވީ އަޖްގަރު މިރިދާ ބުނެގެންނެވެ. ލާރި ވެސް ދޭނަމޭ ބުނެފައިވާ ކަމަށާއި، ލަގެޖު ހަވާލުކުރި މީހާއަކީ ދަންނަ މީހެއް ނޫން ކަމަށް ރަޖީބް ބުނެފައިވެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި އެހެން މީހުންގެ ތެރެއިން 35 އަހަރުގެ މުހައްމަދު މައިނުއްދީން ސަލާހު ބުނީ ރަސެލް ކިޔާ މީހަކު ފުރުވަން ދިޔައީ ކަމަށެވެ. 38 އަހަރުގެ މުހައްމަދު އަބްދުﷲ ބުނީ ބަންގްލަދޭޝުން އައި މީހަކު ބަލާ ދިޔައީ ކަމަށެވެ. 28 އަހަރުގެ އެމްޑީ މޮހިއްދީން ޗޯދުރީ ވެސް ބުނެފައިވަނީ ރައްޓެއްސަކު ފުރުވަން ދިޔައީ ކަމަށެވެ.

މި ހަ މީހުން ހައްޔަރުކުރީ ސެޕްޓެންބަރު 18 ވަނަ ދުވަހު ބޭރު ފައިސާ ގަވާއިދާ ހިލާފަށް ގަނެވިއްކުމުގެ މައްސަލަތައް ބެލުމަށް ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ހިފެހެއްޓި ފައިސާގެ ތެރޭގައި 174,161 ޔޫއެސް ޑޮލަރާއި 56,760 ޔޫރޯ އާއި 1,815 ސްޓާލިންގ ޕައުންޑް ހިމެނޭހެން 18 ގައުމެއްގެ ފައިސާ ހިމެނެއެވެ.

Advertisement

ކޮމެންޓް