Advertisement

ސަޢޫދީން އިސްނަގައިގެން އުފެއްދި ކަނޑުއޮޅިތަކުގެ ދިފާޢީ ކޯލިޝަނުގައި ރާއްޖެއިން ބައިވެރިވެއްޖެ

16 Sep 2026 | 22:52
ސަޢޫދީން އިސްނަގައިގެން އުފެއްދި ކަނޑުއޮޅިތަކުގެ ދިފާޢީ ކޯލިޝަނުގައި ރާއްޖެއިން ބައިވެރިވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެމްއެންޑީއެފް

ބައިނަލްއަޤުވާމީ ވިޔަފާރީގެ ކަނޑުމަގުތައް ރައްކާތެރިކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން އިސްނަގައިގެން އުފެއްދި މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަނުގައި ދިވެހިރާއްޖެއިން މިއަދު ބައިވެރިވެއްޖެއެވެ.

އެ ކޯލިޝަނުގެ ޗާޓަރުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މި ރަސްމިއްޔާތު ބާއްވާފައި ވަނީ ބަންޑާރަކޮށީގައެވެ.

Advertisement

މި ރަސްމިއްޔާތުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދާއި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ. ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްތާނީގެ އިތުރުން ޚާރިޖީ ވުޒާރާއާއި އެމްއެންޑީއެފްގެ ސީނިއާ އޮފިސަރުން ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ބާބިލް މަންދެބް ކަނޑުއޮޅިއާއި ރަތްކަނޑުގެ އިތުރުން ގަލްފް އޮފް އެޑަން ހިމެނޭ ސަރަޙައްދަކީ ބައިނަލްއަޤުވާމީ ވިޔަފާރިއާއި ހަކަތަ ފޯރުކޮށްދިނުމުގެ މައި ދޮރާށިތަކެވެ. މި ކޯލިޝަނުގެ ބޭނުމަކީ އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުތަކަށް މިނިވަންކަމާ އެކު ދަތުރުކުރެވޭނެ މާޙައުލެއް ޤާއިމުކޮށް ހުރިހާ ޤައުމެއްގެ މަސްލަޙަތު ޙިމާޔަތްކުރުން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދ. ގެ މުޢާހަދާތަކާ އެއްގޮތަށް އެކުލަވައިލެވުނު މި ކޯލިޝަނުގައި ސަޢޫދީ ޢަރަބިއްޔާއާ ގާތް ގުޅުން ބާއްވާ ގިނަ ޤައުމުތަކަކުން ބައިވެރިވެފައިވެއެވެ.

ރާއްޖެއިން މި ކޯލިޝަނާ ގުޅުމާ އެކު ކަނޑުމަގުން ރާއްޖެއަށް މުދާ ގެނައުމަށް ބޭނުންކުރާ ވިޔަފާރި ރޫޓުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖޭގެ ދައުރު ފުޅާވެ ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެ އެވެ.

Advertisement

ކޮމެންޓް