މައްކާއަށް އަމާޒުކުރި ހޫޘީ ޑްރޯން ހަމަލާ ރައީސް ޑރ. މުޢިއްޒު ކުށްވެރިކުރައްވައިފި
މާތްވެގެންވާ މައްކާއަށް ހޫޘީން ފޮނުވަން އުޅުނު ޑްރޯން ހަމަލާ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައި އެފަދަ ޢަމަލުތައް ވަގުތުން ހުއްޓައިލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގޮވައިލައްވައިފިއެވެ.
ރައީސް ޑރ. މުޢިއްޒު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ޙިއްޞާކުރެއްވި މެސެޖުގައި ވިދާޅުވީ އިސްލާމް ދީނުގެ އެންމެ މުޤައްދަސް ބިމުގެ އަމާންކަމަށް ބުރޫ އަރާ ފަދަ އެއްވެސް ކަމެއް ޤަބޫލުނުކުރެވޭނެ ކަމަށެވެ.
އެފަދަ ޢަމަލުތަކަކީ މުޅި އިސްލާމީ އުންމަތާ ދެކޮޅަށް ކުރިމަތިކުރެވޭ ފުރައްސާރައެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ހަމައެއާއެކު މައްކާ އާއި އެ ސިޓީގެ ރައްޔިތުންނާއި ޢުމްރާވެރިންނާއި ޙައްޖުވެރިންގެ ސަލާމަތް ކަށަވަރުކުރުމުގެ ގޮތުން ރޯޔަލް ސަޢޫދީ އެއާ ޑިފެންސް ފޯސަސް އިން އެޅި އަވަސް ފިޔަވަޅުތަކަށް ރައީސް ތަޢުރީފުކުރެއްވިއެވެ. ސަޢޫދީ ޢަރަބިއްޔާއާ އެކު ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަންމަތީ ދެމި އޮންނާނެ ކަމުގެ ޔަޤީންކަން ވެސް އެމެސެޖުގައި ދެއްވިއެވެ.
މީގެ އިތުރުން މި މައްސަލައިގައި ޙާލަތު އިތުރަށް ގޯސްވިޔަ ނުދީ ގުޅުން ހުރި ހުރިހާ ފަރާތްތަކުން ސުލްޙައާއި މަޝްވަރާގެ މަގު ޚިޔާރުކުރުމަށް ރައީސް ވަނީ އިލްތިމާސްކުރައްވައިފައެވެ.