ގާލް ގައިޑުންނަކީ ޤައުމީ ޚިދުމަތުގެ ކުރިބޯށިތަކެއް ކަމުގައި ވުމަށް މެޑަމް ސާޖިދާ އެދިވަޑައިގެންފި
ދިވެހި ގާލް ގައިޑުންނަކީ ޤައުމީ ޚިދުމަތުގެ ކުރިބޯށިތަކެއް ކަމުގައި ވުމަށް ދަރިވަރުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އެދިވަޑައިގެންނެވައިފިއެވެ.
އެކަމަނާ މިގޮތަށް އެދިވަޑައިގެންނެވީ ރާއްޖޭގެ އެކި ސަރަޙައްދުތަކުން ދަރިވަރުން ބައިވެރިވެ ހިންގި ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕަށް މިއަދު ކުރެއްވި ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައި އެވެ.
އެކަމަނާ ވިދާޅުވީ ދިވެހިރާއްޖޭގެ ގާރލްގައިޑް އެސޯސިއޭޝަނަށް އަންނަ އަހަރު 75 އަހަރު ފުރި ޑައިމަންޑް ޖުބިލީ ފާހަގަކުރެވޭ ދުވަސް ކައިރިވަމުން އަންނަ ކަމަށެވެ. އެ ދިގު ތާރީޚު ރަމްޒުކޮށްދެނީ ދިވެހިން ތަޢުލީމާއި ރަނގަޅު އަޚްލާޤަށް ދޭ އިސްކަން ކަމުގައާއި މި ސިފަތަކަކީ ދިވެހިންގެ ކުރިމަތީގައި ޤަދަރު އުފުލިގެންވާ ސިފަތަކެއް ކަމުގައި ވިދާޅުވިއެވެ.
ހަމައެއާއެކު ޕެޓްރޯލް ލީޑާސް ޓްރެއިނިން ކޭމްޕުގެ ޚިދުމަތަށް 25 އަހަރު ފުރުމާ ގުޅިގެން ގާރލްގައިޑް ޙަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންނަށް ތަހުނިޔާ ދެންނެވިއެވެ.
މެޑަމްގެ ވާހަކަފުޅުގައި ގާރލްގައިޑް ޙަރަކާތުން ދަރިވަރުންގެ ތަރުބިއްޔަތަށް ކުރާ ފައިދާތަކުގެ މައްޗަށް ބައްލަވާލައްވައި ވަގުތަށް ކަމޭހިތުމާއި ފުރިހަމަ ޞިއްޙަތަށް އިސްކަން ދިނުމާއި ކަންކަމުގައި މުރާލިކަމާއެކު ފަރުވާތެރިވުމުގެ ސިފަ އެ ޙަރަކާތުން ދަސްކޮށްދޭ ކަމަށާއި ޢާއިލާއާއި ގާތްތިމާގެ މީހުންނާ މެދު ކުލުނު އުފެއްދުމަށް ބާރުއަޅާ ކަމުގައި ވިދާޅުވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ގޮތްހުރި އަންހެން ފަރުދަކު މުޖުތަމަޢުގައި ބިނާވެގެންދާ ކަމަށް ވިދާޅުވިއެވެ.
އެކަމަނާ ފާހަގަކުރެއްވި ގޮތުގައި ގާރލްގައިޑް ޙަރަކާތަކީ ފަރުދީ ޝަޚްޞިއްޔަތުގެ އިތުރުން އިޖުތިމާޢީ ޝަޚްޞިއްޔަތާވެސް ލާމެހިފައިވާ ޙަރަކާތެކެވެ. އެ ތަމްރީނުތަކުގެ ސަބަބުން އިންސާނިއްޔަތަށް އިސްކަންދިނުމުގެ ރޫޙު އާލާވެ ފަރުދީ މަންފާއަށްވުރެ ޖަމާޢަތުގެ މަންފާ ކުރިޔަށް ނެރުމަށް ހަނދާންކޮށްދޭ ކަމުގައި ވިދާޅުވިއެވެ. ގާރލްގައިޑް ޝިޢާރުން ރަމްޒުކޮށްދެނީ ގޮންޖެހުންތަކާއި ފިއްތުންތައް ގިރާކޮށް އަމާޒަށް ވާޞިލުވުން ކަމަށާއި އެއީ އުއްމީދާއި އުޖާލާކަން ދައްކުވައިދޭ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.
ދަރިވަރުންގެ ކިބައިން އެކަމަނާ އެދިވަޑައިގެންނެވީ ޤައުމަށް ބޭނުންޖެހޭ ކޮންމެ ދާއިރާއެއްގައި ހަރުދަނާ ގޮތުގައި ޚިދުމަތް ފޯރުކޮށްދޭ ބަޔަކަށް ވުމަށާއި ޤައުމީ އެންމެ އުސް ކުންނުތައް ދައްކައިދޭ ކުރިބޯށިތަކެއް ކަމުގައި ވުމަށެވެ.
މިއަހަރުގެ ޕްެޓްރޯލް ލީޑާސް ޓްރެއިނިން ކުރިޔަށް ދަނީ ވިލިމާލޭގައި އެވެ.