އަންޑަމަން ކަނޑުގައި ލޯ ޕްރެޝާ ސަރަހައްދެއް އުފެދި ތޫފާނަކަށް ބަދަލުވެދާނެ ކަމުގެ އިންޒާރު
އިންޑިއާގެ އުތުރުގެ ތައިލެންޑް ސަރަހައްދުގައި އުފެދިފައިވާ މަތީ ފަށަލައިގެ ސައިކްލޯނިކް ދައުރުވުމެއް އަންޑަމަން ކަނޑުގައި ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ ހަވީރު ލޯ ޕްރެޝާ ސަރަހައްދެއް އުފެދިދާނެ ކަމަށް ނިއު ދެއްލީގެ ރީޖަނަލް ސްޕެޝަލައިޒްޑް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނެފިއެވެ.
މިއަދު ޖީއެމްޓީ ގަޑީން 03:00 (ރާއްޖެ ގަޑީން ހެނދުނު 08:00) ގައި ނެރުނު ޓްރޮޕިކަލް ވެދާ އައުޓްލުކުގައި ބުނެފައިވާ ގޮތުން ތައިލެންޑުގެ އުތުރުގައި ކަނޑުގެ ލެވެލުން މައްޗަށް 7.6 ކިލޯ މީޓަރު ސަރަހައްދުގައި އޮތް ސައިކްލޯނިކް ދައުރުވުން ސެޕްޓެމްބަރު 18 ވަނަ ދުވަހުގެ ރޭގަނޑު އުތުރު އަންޑަމަން ކަނޑަށް ފައިބާނެ ކަމަށް ލަފާކުރެވެއެވެ. އެއަށްފަހު ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ ހަވީރާ ހަމައަށް އެ ސަރަހައްދުގައި ލޯ ޕްރެޝާ ސަރަހައްދެއް އުފެދުމުގެ ފުރުސަތު އޮތް ކަމަށެވެ.
އެ ސެންޓަރުން ލަފާކުރާ ގޮތުގައި މި ނިޒާމު ބާރުގަދަވަމުން ހުޅަނގު އުތުރަށް ޖެހި ތިނެއް ނުވަތަ ހަތަރު ދުވަހުގެ ތެރޭގައި އިންޑިއާގެ ދެކުނު އޮޑިޝާ އަދި އުތުރު އާންދްރަ ޕްރަދޭޝް އައްސޭރިފައްޓާ ދިމާލަށް މިސްރާބު ޖަހާނެއެވެ. ކުރިއަށް އޮތް 168 ގަޑިއިރުގެ ސައިކްލޯޖެނެސިސް ފުރުސަތަށް ބަލާއިރު ފުރަތަމަ ހަތަރު ދުވަހު ފުރުސަތު ނެތް ނަމަވެސް ފަސް ވަނަ އަދި ހަ ވަނަ ދުވަހު ފުރުސަތު ކުޑަ ކަމަށާއި ހަތް ވަނަ ދުވަހު މެދުމިންވަރެއްގެ ފުރުސަތު އޮތް ކަމަށް އެ ސެންޓަރުން އަންދާޒާކޮށްފައިވެއެވެ.
ބަންގާޅު ކަނޑުގެ އިރުއުތުރާއި ދެކުނު ބައިގައި އަދި އަންދާމާން ކަނޑުގައި ވަރުގަދަ ކޮންވެކްޝަން ހިމެނޭ ވިލާ ފެތުރިފައިވާ ކަމަށް ސެޓެލައިޓް ތަސްވީރުތަކުން ދައްކައެވެ.
އަރަބި ކަނޑަށް ބަލާއިރު ރާޖަސްތާނު ހުޅަނގު ދެކުނާއި ސައުރާޝްތުރަ ސަރަހައްދުގައި އޮތް ލޯ ޕްރެޝާ ސަރަހައްދެއް މިހާރު އަރަބި ކަނޑުގެ އިރުއުތުރަށް ޖެހިފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މި ނިޒާމާ ގުޅިގެން އަރަބި ކަނޑުގެ އިރުއުތުރު ގުޖުރާތު އައްސޭރިފަށް ލަކްޝަދީޕް ޖަޒީރާތައް އަދި ރާއްޖެ ހިމެނޭ ސަރަހައްދުގައި ބާރުގަދަ ކޮންވެކްޝަން ހިމެނޭ ވިލާ ފެތުރިފައިވެއެވެ. ނަމަވެސް ކުރިއަށް އޮތް 168 ގަޑިއިރު ތެރޭގައި އަރަބި ކަނޑުގައި ސައިކްލޯޖެނެސިސް ހިނގުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް އެ ސެންޓަރުން ބުނެފައިވެއެވެ.
މި އައުޓްލުކަކީ ސެޕްޓެމްބަރު 16 ވަނަ ދުވަހުގެ ޖީއެމްޓީ 06:00 (ރާއްޖެ ގަޑީން ހެނދުނު 11:00) ގައި ނެރެފައިވާ ކުރިއަށް އޮތް 168 ގަޑިއިރަށް ސައްހަ ލަފާ ކުރުމެކެވެ.