Advertisement

ޣައްޒާގައި ހަނގުރާމައިގެ ގެއްލުން ލިބިފައިވާ ޢިމާރާތެއް ވެއްޓި 21 މީހުން މަރުވެއްޖެ

16 Sep 2026 | 20:34
ވެއްޓުނު ގާޒާގެ އިމާރާތުން މަރުވެފައިވާ މީހުންގެ ހަށިތައް ނެރެނީ --

ޕަލަސްތީނުގެ ޣައްޒާ ސިޓީގެ ތާލް އަލް ހަވާ ސަރަހައްދުގައި ހުރި ހަ ބުރީގެ ޢިމާރާތެއް ރޭ ދަންވަރު ވެއްޓި 21 މީހުން މަރުވެ އެތައް ބަޔަކު ގެއްލިފައިވާ ކަމަށް އެ ސަރަހައްދުގެ ސިވިލް ޑިފެންސް އޮފިޝަލުންނާއި ޞިއްޙީ އޮފިޝަލުން ބުނެފިއެވެ.

ވެއްޓުނު އިމާރާތަކީ އިސްތިއުމާރީ އިސްރާއީލުން މީގެ އަހަރެއްހާ ދުވަސް ކުރިން ދިން ހަމަލާއެއްގައި ބޮޑެތި ގެއްލުންތައް ލިބި އެއް ފަރާތަކަށް ނުރައްކާތެރި ގޮތަކަށް ބުރަވެފައި ހުރި އިމާރާތަކެވެ. އެ އިމާރާތުގައި ދިރިއުޅެމުން ދިޔައީ ގޮތް ހުސްވެ، ގެދޮރު ގެއްލިފައިވާ ޢާއިލާތަކެކެވެ.

Advertisement

ގާތްގަނޑަކަށް 10 ޢާއިލާ އެ ޢިމާރާތުގެ އެޕާޓްމެންޓުތަކުގައި ދިރިއުޅުނު ކަމަށް އެ ސަރަހައްދުގެ ރައްޔިތުން މީޑިއާގައި ބުނެފައިވެ އެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ނުވަ ކުޑަކުދިން ހިމެނެ އެވެ. ގެއްލުނު މީހުންގެ އަދަދުވެސް ނޭނގޭ ކަމަށްވެ އެވެ. ޣައްޒާ ސިޓީގެ ސިވިލް ޑިފެންސްގެ ޑައިރެކްޓަރު ރާއިދު އައްދަހުޝާން ބުނީ "ކުނިބުނީގެ ދަށުން އަދިވެސް އަޑު އިވޭ ކަމަށާއި މީހުން ދިރި ތިބި ކަމުގެ އުންމީދު އެބައޮތް" ކަމަށެވެ.

އދ.ގެ ތަރައްޤީއާ ބެހޭ ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ ޣައްޒާ އޮފީހުގެ ވެރިޔާ އަލެސެންޑްރޯ މްރާކިޗް ނޫސްވެރިންނަށް ބުނީ ކުނިބުނީގެ ދަށުގައި 70 އާއި 100 އާ ދެމެދުގެ ޢަދަދެއްގެ މީހުން ތާށިވެފައި ތިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި 2023 ވަނަ އަހަރު ހަނގުރާމަ ފެށުމުގެ ކުރީކޮޅު އެ ޢިމާރާތުގެ ވަށައިގެންވާ ސަރަހައްދަށް ހަމަލާތައް އަމާޒުވެފައި ހުރި އިރު ޢިމާރާތަށް ސީދާ ލިބުނު ގެއްލުން ފުރަތަމަ ފެންނަން ފެށީ 2024 ވަނަ އަހަރުގައެވެ.

އެ ސަރަހައްދުގައި ފޭލި ގެ ޖަހައިގެން އުޅޭ މީހުން މައުލޫމާތު ދީފައިވާ ގޮތުގައި އެ އިމާރާތް ވެއްޓުނުމުގެ ކުރިން މަދު މަދުން އިމާރާތުގެ މައިގަނޑާއި ވަކިވެގެން ގާތަށް ވެރޭ ކަމަށެވެ. ނަމަވެސް ދިރިއުޅެމުން ދިޔަ މީހުން ދާނެ ވަކި ތަނެއް ނެތުމުން އިމާރާތުގައި ދިރިއުޅެމުން ދިޔައީ ކަމަށެވެ.

ހަމާސް ސަރުކާރުގެ ސިވިލް ޑިފެންސް ޓީމުތައް ހުސް އަތުން ކުނިބުނި ނަގައި ސަލާމަތީ މަސައްކަތް ފެށި ނަމަވެސް ސާމާނާއި މެޝިނަރީ ނެތުމުގެ ސަބަބުން މަސައްކަތް ކުރިއަށްދަނީ ވަރަށް ލަސް ދުވެލީގައެވެ. އދ.ގެ ޖަމިއްޔާތަކާއި މިޞްރުގެ ޓީމެއް ވެސް މީހުން ހޯދުމުގެ މަސައްކަތުގައި ބައިވެރިވެފައިވެއެވެ.

އދ.ގެ ތަރައްޤީއާ ބެހޭ ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ މައުލޫމަތުތަކަށް ބަލާއިރު ޣައްޒާގެ އެކި ކަންކޮޅުތަކުގައި ހަނގުރާމައިގައި ގެއްލުން ލިބިފައިވާ ގާތްގަނޑަކަށް 400 ޢިމާރާތެއް ވެއްޓުމުގެ ނުރައްކާ ބޮޑު ކަމަށެވެ. ފިނި މޫސުން ކައިރިވާ ވަރަކަށް އެ ނުރައްކާ އިތުރުވާނެ ކަމަށް ލަފާ ކުރެ އެވެ.

Advertisement

ކޮމެންޓް