އިންނަމާދޫއަށް ބޯކޮށް ވާރޭވެހި 13 ގެއަކަށް ފެންވަދެއްޖެ
މިއަދު މެންދުރުފަހު ރ. އިންނަމާދޫއަށް ބޯކޮށް ވާރޭ ވެހި، އެ ރަށުގެ ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
މެންދުރުފަހު 1:30 ހާއިރުން ފެށިގެން ވެހެމުންދިޔަ ވާރެއާ ގުޅިގެން އެ ރަށުގެ ފުޓުސަލް ދަނޑު ހިމެނޭ ސަރަހައްދުގައި ދޮޅު ފޫޓަށް ވުރެ މައްޗަށް ފެން ބޮޑުވި އެވެ.
ފެންބޮޑުވެފައިވަނީ އެ ސަރަހައްދުގައި ހުރި 13 ގެއެއްގައި އެވެ. އޭގެ ތެރެއިން ދެ ގެއަކަށް ވަރަށް ބޮޑަށް ގެންލުން ލިބިފައިވެ އެވެ.
ފެންބޮޑުވުމުގެ ސަބަބުން ގިނަ ގެތަކެއްގެ ފާޚާނާތައް ބްލޮކްވެ މަގުތަކުގައި ހުރި ޖަންކްޝަންތަކުން ނަޖިސް ބޭރުވެފައިވާ ކަމަށް މައުލޫމާތުލިބެ އެވެ. އަދި އެ ސަރަހައްދުގައި ޤާއިމުކޮށްފައި ހުރި ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަންގެ މައްޗަށް ވެސް ފެންގަނޑު އަރާފައިވެއެވެ.
އިންނަމާދޫގަްއި ފެން ބޮޑުވެފައި --
އިންނަމާދޫ ކައުންސިލްގެ ރައީސް އިބްރާހީމް ހަލީމް ވިދާޅުވީ ފެންބޮޑުވި ސަރަހައްދަކީ ކޮންމެ މޫސުމީ ވިއްސާރައެއްގައި ވެސް މި މައްސަލަ ދިމާވާ ސަރަހައްދެއް ކަމަށެވެ. އެ ސަރަހައްދުގައި 50 އަށް ވުރެ ގިނަ ގެ ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލައަށް ދާއިމީ ހައްލެއް ބޭނުންވާ ކަން ވެސް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.
ފެންގަނޑު ހިންދުމުގެ މަސައްކަތުގައި ކައުންސިލާއި ފުލުހުންނާއި އެ ރަށުގައި މަޝްރޫޢުތައް ހިންގަމުން އަންނަ އެމްޓީސީސީގެ މުވައްޒަފުންނާއި ރައްޔިތުން ގުޅިގެން ކޯރު ކަނޑައި ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.