ކާށިދޫ ކަނޑަށް އަރިއަޅާލި ދޯންޏެއް އަޑިއަށް ގޮސްދާނެތީ ދިޔަ ހިއްކުމުގެ މަސައްކަތް ކުރަނީ
މާލެއިން ފުރައިގެން ރ. އަތޮޅު ރިސޯޓަކަށް ދަތުރުކުރަމުންދިޔަ "ސީލައިން 3" ނަމަކަށްކިޔާ ސަޕްލައި ދޯންޏެއް ކާށިދޫ ކަނޑަށް އަރި އަޅާލައި، އަޑިއަށް ގޮސްދާނެތީ ދޯނިން ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.
ފުލުހުން ބުނީ މިހާދިސާގެ ރިޕޯޓު ކުރީ މިއަދު ހެނދުނު 9:57 ހާއިރު ކަމަށެވެ. އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ ބ. އަތޮޅު ޕޮލިސްޓޭޝަނުންގެ ލޯންޗެއް އެ ސަރަހައްދަށް ގޮސްގެން ކަމަށް ބުނެފައިވެ އެވެ.
ހާދިސާ ހިނގި އިރު ސަޕްލައި ދޯނީގައި ތިން ދިވެހިންނާއި ބިދޭސީއަކު ހުއްޓެވެ. އެމީހުންގެ ހާލު ރަނގަޅެވެ.
ފުލުހުން ބުނީ ދޯނި ދިޔަވާން ފެށީ ކާށިދޫ ކަނޑުން ދަތުރު ކުރަނިކޮށް ދޯނީގައި ބަރުކޮށްފައި ހުރި ލަކުޑިތަކެއް ހިފެހެއްޓުމަށް އަޅާފައިވާ ބެލްޓު ކަނޑައިގެންގޮސްގެން ކަމަށެވެ. ދޯނި ސަލާމަތްކުރުމަށްޓަކައި ދޯނީގައި ހުރި ބައެއް މުދާ ވަނީ ކަނޑަށް ދޫކޮށްލާފައެވެ.
އަދި މި ހާދިސާގައި ދޯންޏަށް ދިޔަވެފައިވާތީ، ދޯނީގެ ދިޔަ ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
މިދިޔަ މަހު ކުރީކޮޅު ހިނގި މިފަދަ ހާދިސާއެއްގައި ދޯނިން ދިޔަ ހިއްކަން އުޅުނު ފުލުހަކާއި ސިފައިންގެ މީހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ވަނީ ކަނޑަށް ގެއްލިފައި އެވެ. މިހާތަނަށް އެމީހުން ފެނިފައި ނުވާއިރު އެ ދޯނި އަޑިއަށް ދިޔައީ އެވެ.
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައި އެވެ.