Advertisement

ހުޅުމާލޭގައި އެކްސިޑެންޓުވި ދެބަފައިންގެ ތެރެއިން ބައްޕަ ނިޔާވެއްޖެ

16 Sep 2026 | 09:49
ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވި މީހާ --

ހުޅުމާލޭގައި ފޭސް ދޭއްގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާ ދެމުންދިޔަ 62 އަހަރުގެ މީހާ ނިޔާވެއްޖެ އެވެ.

ނިޔާވީ ޅ. ކުރެންދޫ، މުހައްމަދު އަފީފު، 62 އެވެ. އޭނާ ނިޔާވީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށެވެ.

Advertisement

މި އެކްސިޑެންޓު ހިނގީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ދުނބުރިގަސްމަގުގައި ކާރަކާއި އެމީހާ ދުއްވި ސައިކަލް ޖެހިގެންނެވެ. އެކްސިޑެންޓުވި އިރު އެމީހާ އާއި އެކު ސައިކަލުގެ ފަހަތުގައި އިނީ 24 އަހަރުގެ ނުކުޅެދުންތެރިކަން ހުންނަ ފިރިހެން ދަރިފުޅެވެ.

24 އަހަރުގެ މީހާއަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައި އެވެ.

އަފީފުގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ.

އަފީފަކީ އެކި ސްކޫލްތަކުގައި، ގިނަ ދުވަސްތަކެއް ވަންދެން ކިޔަވައިދެއްވި ޓީޗަރެކެވެ. އޭނާ ވަނީ ދިވެހި ޓީޗަރެއްގެ ގޮތުގައި ޖަމާލުއްދީން ސުކޫލް، އަހުމަދިއްޔާ ސުކޫލް، އަމީނިއްޔާ ސުކޫލް، ޅ. އަތޮޅު މަދަރުސާ އަދި ފަރީދިއްޔާ ސުކޫލުގެ އިތުރުން ޣާޒީ ސުކޫލުގައި އަދާކުރައްވާފަ އެވެ.

މި އެކްސިޑެންޓު ހިނގުމުގެ އެއް ރޭ ކުރިން ހުޅުމާލޭ ފޭސް ދޭއްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވެ އެވެ. އެ އެކްސިޑެންޓުގައި އަނިޔާލިބުނު ނުވަ އަހަރުގެ ކުއްޖާ ނިޔާވީ ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެވެ.

Advertisement

ކޮމެންޓް