މެލޭޝިއާ ބޮޑުވަޒީރު އަންވަރު ދިވެހި ލަވަތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށް ސަމާލުކަން ހޯދައިފި
މެލޭޝިއާ ބޮޑުވަޒީރު އަންވަރު އިބްރާހިމް ރާއްޖެއަށް ކުރި ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން "މަރިޔަމް މަލާ" އާއި "މިލަ މިލަ ހަނދުވަރު" ފަދަ ދިވެހި ލަވަތައް އިންސްޓަގްރާމް ޕޯސްޓުތަކުގައި ހިމެނުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
ރާއްޖެ ވަޑައިގެން އަންވަރު އެންމެ ފުރަތަމަ ކުރެއްވި ޕޯސްޓުގައި ރާއްޖޭގެ ޤައުމީ ސަލާމުގެ އޯކެސްޓްރާ ހިމަނުއްވައިފައިވެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ސަރުކާރުގެ އިސް ބޭފުޅުންނާ ރައީސް އޮފީހުގައި ބައްދަލުކުރެއްވުމަށްފަހު ޕޯސްޓުކުރެއްވީ އެކަތަ ބޮޑުބެރު ގްރޫޕުގެ މަޝްހޫރު ލަވަ "މަރިޔަމް މަލާ" އެވެ.
ދަތުރުފުޅުގެ ތެރޭގައި ދެން ކުރެއްވި ޕޯސްޓުތަކުގައި މޭނާ ހައްސާންގެ ނަމުން މަޝްހޫރު ލަވަކިޔުންތެރިޔާ ހައްސާން މުޙައްމަދުގެ "މިލަ މިލަ ހަނދުވަރު" އާއި "ރައިވަރެއް ހެދީމާ" އާއި "ފަނު ދުންމާރި" އަދި "މާސިންގާ ކަނޑުތެރޭ" ވެސް ހިމަނުއްވައިފައިވެއެވެ.
މިއުޒިކަށް ޚާއްޞަ ލޯތްބެއް ބެހެއްޓެވުމަކީ އަންވަރުގެ އާންމުންނަށް އަންވަރުގެ ފަރާތްޕުޅުން ފެންނަ ހާއްސަ ސިފައެކެވެ. ރާއްޖެ ވަޑައިގެންނެވުމުގެ ކުރިން ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާއަށް ކުރެއްވި ދަތުރުގައި ވެސް އެ ޤައުމުގެ ލަވަތައް ޕޯސްޓުތަކުގައި ހިއްސާ ކުރައްވާފައިވެ އެވެ.
އެ ސަމިޓުގެ ތެރެއިން ބޭއްވި ޚާއްޞަ ފަރީއްކޮޅެއްގައި އަންވަރު ވަނީ ކިޝޯރު ކުމާރުގެ "ޚުވާބު ހޯ ތުމް ޔާ ކޮއީ ހަގީގަތް" ކިޔުއްވައި އެ މަންޒަރު ފެންނަ ވީޑިއޯ ވެސް އިންސްޓަގްރާމްގައި ހިއްސާކުރައްވައިފައެވެ.
ހިންދީ ކްލެސިކް ލަވަތަކުގެ އިތުރުން މެލޭޝިއާގެ އަމިއްލަ ސަގާފީ ފޯކް މިއުޒިކަށް ވެސް އަންވަރު ވަރަށް ބޮޑަށް ލޯބިކުރައްވައެވެ. ޖަލުގައި ހޭދަކުރެއްވި ދުވަސްވަރު ވެސް ފޮތް ކިޔުއްވުމާ އެކު ލަވަ ކިޔުއްވުމަކީ ހިތްހަމަޖެހުމާއި އުންމީދު ހޯއްދެވުމަށް ކުރެއްވި ކަމެއް ކަމަށް އަންވަރު މީގެ ކުރިން ވިދާޅުވެފައިވެއެވެ.