ޗައިނާ-އިންޑިއާ ގުޅުން ރަނގަޅުވާތީ ސަލްމާންގެ ފިލްމު "މާތުރުބޫމީ" އަށް ހަދާނެ ގޮތް ނޭނގިފައި!
އިންޑިއާ އާއި ޗައިނާގެ ސިޔާސީ މައްސަލަތަކާ ގުޅޭގޮތުން ތައްޔާރު ކުރަން ފެށި ސަލްމާން ހާންގެ ފިލްމު "މާތުރުބޫމީ" އޮތީ ހަދާނެ ގޮތް ނޭނގި ހުއްޓިފައި ކަމަށް ރިޕޯޓުތައް ބުނެގި އެވެ.
މި ފިލްމު ތައްޔާރު ކުރަން ފެށީ 2020 ވަނަ އަހަރު އިންޑިއާ އާއި ޗައިނާ ސިފައިންގެ ދެމެދުގައި ހިނގި ކުރިމަތިލުމުގެ މައްޗަށެވެ. ޝޫޓިން ނިންމި ފަހުން ފިލްމުގެ މަސައްކަތް ކުރިޔަށް ނުގޮސް ހުއްޓެން ޖެހުނީ ދެ ގައުމުގެ ގުޅުން ރަނގަޅުވާން ފެށުމުން ސަރުކާރުން ގެންނަން ބޭނުންވާ ބަދަލުތަކާއި ގުޅިގެންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި ފިލްމު މިދިޔަ ހަފްތާގައި ސެންސަރު ބޯޑަށް ހުށަހަޅާފައިވާ ކަމަށާޢި އަންނަ ހަފްތާގައި މި ފިލްމުގެ ސްކްރީނިން އޮންނާނެ އެވެ. އެކަމަކު އެކަންކަން މިހާރު ވަނީ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ދޮގުކޮށްފައި އެވެ.
މި ފިލްމުގެ މަސައްކަތް މަޑު ޖެހިފައިވަނީ ފަހަކަށް އައިސް ދެ ޤައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ރަނގަޅުވަމުން ދިއުމާ ގުޅިގެން ފިލްމުގައި ހުރި ވަކި މަންޒަރުތަކާ މެދު ޑިފެންސް މިނިސްޓްރީ އިން ކަންބޮޑުވުން ފާޅު ކުރާތީ އެވެ. ރަސްމީ ހުއްދަ ހޯދުމަށްޓަކައި ފިލްމުގައި "ޗައިނާ" އަށް ކުރާ ރެފަރެންސްތައް އެއްކޮށް އުނިކުރުމުގެ ވާހަކަ ވެސް މި އަހަރު ކުރީ ކޮޅު ފެންމަތިވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
2026 ގައި ސިނަމާތަކުގައި ފިލްމު ރިލީޒް ކުރެވޭ ވަރަށް ހުއްދަތައް ހޯދުމަކީ ފިލްމުގެ ޓީމުގެ އުންމީދެއް ކަމުގައި ވިޔަސް ކަންބޮޑުވުންތައް ހައްލު ނުވެ ދިގުލައިފި ނަމަ ރިލީޒް 2027 އަށް ފަސްވެދާނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. ކުރިން ރާވާފައި އޮތީ މިއަހަރުގެ ބޮޑު އީދާއި ދިމާކޮށް މި ފިލްމު ރިލީޒް ކުރާށެވެ.
ފިލްމުގެ ރަސްމީ މޯޝަން ޕޯސްޓަރާއި ޓީޒާ މިހާރު ވެސް ދައްކާލާފައިވެއެވެ.
އަޕޫރުވާ ލަކިއާ ޑައިރެކްޓްކުރާ މި ފިލްމުގައި ސަލްމާން ޚާން ފެނިގެންދަނީ ކާނަލް ސަންތޯޝް ބާބޫގެ ރޯލުންނެވެ. ޗިތުރާންގަދާ ސިންގް ވެސް މުހިންމު ރޯލަކުން ފެނިގެންދާ މި ފިލްމުގައި މުކޭޝް ރިޝީ އަންކުރް ބާޓިއާ އަބީލާޝް ޗައުދަރީ އަބީޝްރީ ސެން ޒެއިން ޝޯ ޖާވެދު ޚާން އަދި ވިޕިން ބާޑުވާޖް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.
ސަލްމާން ޚާން އެންމެ ފަހުން ފެނިފައި ވަނީ ސަންޖޭ ދަތު ހިމެނޭ ޢަރަބި ފިލްމެއް ކަމުގައިވާ "7 ޑޯގްސް" ގައި ކުޑަކުޑަ ރޯލަކުންނެވެ. މީގެ އިތުރުން ސަލްމާން ގެންދަނީ ބިގް ބޮސް 20 ހޯސްޓު ކުރަމުންނެވެ.