ކާރެއްގައި ޖައްސައި ފިލި މީހާ ހައްޔަރުކުރި އިރު މަސްތުގެ ހާލަތުގައި، އޭނާގެ ކާރުން ބަނގުރާ ފެނުނު
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބެރެބެދިމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އެހެން ކާރަކުން ޖެއްސުމަށް ފަހު މަޑުނުކޮށް ދިޔަ މީހާ ހޯދައި ފުލުހުން އެމީހާ ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގަ ހައްޔަރު ކުރީ ލ. ކަލައިދޫ، ގުފްރާން ހާލިދު، 26 އަހަރެވެ. ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ކުރީ މިދިޔަ ހޯމަ ދުވަހުގެ ރޭ 7:10 ހާއިރު ގުފްރާން ދުއްވި ކާރުން ޖެހުނު ޕާކުކޮށްފައި އޮތް ކާރުގެ ވެރިފަރާތުން އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމުންނެވެ.
ފުލުހުން ބުނީ އޭނާ ހޯދައި ހައްޔަރުކޮށް އެމީހާ ދުއްވި އުޅަނދު ބަލާ ފާސްކުރި އިރު އޭގެން ބަނގުރާ ދަޅާއި ބަނގުރާ ހުސްކުރި ދަޅު ފެނުނު ކަމަށެވެ. އަދި ހައްޔަރު ކުރި އިރު ގުފްރާންވެސް ހުރީ މަސްތުގެ ހާލަތުގައި ކަމަށް މައުލޫމާތުދެ އެވެ.
ގުފްރާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިފައިވެއެވެ. ކޯޓުގެ ބަންދު އަމުރުން އެނގިފައިވާ ގޮތުގައި ގުފްރާންގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވް ވެފައިވެއެވެ.
އެ އަމުރުގައި ކަފާލާތުގެ ދަށުން ގުފްރާން ދޫކޮށްލައި ދިނުމަށް ދިފާޢީ ވަކީލު އެދިފައިވާ ކަން ވެސް ފާހަގަކޮށްފައިވެއެވެ.
ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.