Advertisement

ޙޫޘީންގެ މައްކާއަށް އަމާޒުކޮށް ފޮނުވި ޑްރޯނެއް ސަޢޫދީން ވައްޓައިލައިފި

16 Sep 2026 | 08:38
މައްކާގެ ހަރަމްފުޅު ހިމެނޭ ސަރަހައްދު --

ޔަމަނުގެ ޙޫޘީ ޖަމާޢަތުން މައްކާއާ ދިމާއަށް ފޮނުވި ޑްރޯނެއް އެ ސިޓީގެ ވައިގެ ސަރަޙައްދަށް ވާސިލުވުމުގެ ކުރިން ސަޢޫދީ ޢަރަބިއްޔާގެ ދިފާޢީ ބާރުތަކުން ރޭ ވައްޓާލައިފި އެވެ.

ޔަމަނުގައި ސައްރަޢީ ވެރިކަމަށް ތާއީދުކުރާ ކޯލިޝަނުގެ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރުކީ އަލް މާލިކީ ހާމަކުރެއްވި ގޮތުގައި އެ ހަމާލާ ފޮނުވާލީ ރޭ 6:50 ހާއިރު އެވެ. އޭނާ ބުނި ގޮތުގައި ސަޢޫދީ ޝާހީ ވައިގެ ދިފާޢީ ފައުޖުން އެ ޑްރޯން ހުއްޓުވައި ނައްތައިލީ މައްކާ ވައިގެ ރައްކާތެރި ސަރަޙައްދަށް ވަނުމުގެ ކުރިންނެވެ.

Advertisement

ތުރުކީ އަލް މާލިކީ ސިފަކުރެއްވި ގޮތުގައި މިއީ ޙޫޘީން މައްކާއަށް ހަމަލާ ދިނުމަށް ކުރި ދެވަނަ މަސައްކަތެވެ. އެ ޖަމާޢަތުން ފުރަތަމަ ފަހަރު މައްކާ ޓާގެޓުކޮށް ބެލިސްޓިކް މިސައިލެއް ފޮނުވީ 2017 ވަނަ އަހަރުގެ ޖުލައި 27 ގައެވެ.

ތުރުކީ އަލް މާލިކީ ބުނިގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުންނަށް ދީނީ ގޮތުން ނުހަނު މުހިންމު ރަށަކަށް މި ހަމަލާ އަމާޒުކޮށް ޙައްޖާޖީންނާއި ރައްޔިތުންނާއި ރެޒިޑެންޓުން ބިރުގެންނެވުމަށް ޙޫޘީން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ހަރަމައިން ޝަރީފައިނާއި ޙައްޖުވެރިންގެ ސަލާމަތީ ކަންކަމަކީ "ރަތް ރޮނގެއް" ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޙޫޘީންގެ އިތުރު ހަމަލާތައް ހުއްޓުވުމަށް ބޭނުންވާ ކޮންމެ ފިޔަވަޅެއް އެޅުމަށް ކޯލިޝަނުން ފަހެއް ނުޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޙޫޘީ ޖަމާޢަތުގެ މިފަދަ ހަމަލާތައް ތަކުރާރުވަމުންދާއިރު ސަޢޫދީ ޢަރަބިއްޔާއިން ދަނީ މައްކާއާއި މަދީނާގެ ވައިގެ ސަރަޙައްދު ރައްކާތެރިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.

Advertisement

ކޮމެންޓް