Advertisement

ފުވައްމުލަކުގައި ގަދަކަމުން ކާރެއް އަތުލައި ތިން އެކްސިޑެންޓު ކޮށްލި މީހާގެ ބަންދަށް 15 ދުވަސް

30 Aug 2026 | 22:15
އަހުމަދު އައުނުﷲ -- ފޮޓޯ: ޕޮލިސް

ފުވައްމުލަކު ކާރެއްގެ ވެރިފަރާތަށް އިންޒާރުދީ ގަދަކަމުން އެ ކާރު ފޭރިގަނެގެން ދުއްވައި ތިން އެކްސިޑެންޓެއް ކޮށްލި ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި މީހާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ފުވައްމުލަކު މިސްކިތްމަގު އަންދާޒު އަހުމަދު އައުނުﷲ 35 އެވެ. ތަހުގީގަށް ފާހަގަކުރެވިފައިވާ ގޮތުގައި އައުނުﷲ ކާރުގެ ވެރިފަރާތަށް އެ ކާރު ހަލާކުކޮށްލާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ގަދަކަމުން ކާރު އަތުލައިގެން ގޮސް ސައިކަލެއްގައާއި އެހެން ކާރެއްގައި އަދި ރުކެއްގައި ޖައްސައި ގެއްލުންދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ހައްޔަރުކުރި މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

Advertisement

ފުލުހުން ބުނީ އިއްޔެ އިރުއޮއްސި 6:22 ހާއިރު "ފުވައްމުލަކު މޫޑިގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖައްސައި އެކްސިޑެންޓް ކޮށްލުމަށް ފަހު މަޑުނުކޮށް ގޮސް އެ މަގުން ދަތުރުކުރި އެހެން ކާރެއްގަ އާއި ރުކެއްގައި ޖައްސާފައިވާ މައްސަލަ" ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ކާރު ޖެއްސި ސައިކަލުގައި އިން އަންހެނަކަށާއި ފަހަތުގައި އިން އަށް އަހަރުގެ އަންހެން ކުއްޖަކަށް އެކި ވަރުގެ އަނިޔާ ލިބިގެން ފުވައްމުލައް ހޮސްޕިޓަލުގައި ފަރުވާ ދީފައިވީ ނަމަވެސް ސީރިއަސް އަނިޔާއެއް ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ހާދިސާގައި ދެ ކާރަށާއި ސައިކަލަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.

Advertisement

ކޮމެންޓް