ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު އަޕްޑޭޓް ކުރުމަށް ދިރާގުން އެދިއްޖެ
ޑިވިޑެންޑް ޓެކުހާ ގުޅޭ ގޮތުން ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ ސްޓޭޓަސް ރަނގަޅުތޯ ކަށަވަރުކުރުމަށްފަހު އެ މަޢުލޫމާތު އަޕްޑޭޓް ކޮށްދިނުމަށް ދިރާގުން އެދިއްޖެ އެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 25/2019) ގެ 55 ވަނަ މާއްދާގެ (ހ) ގެ ހަތަރު ވަނަ ނަންބަރު ބުނާ ގޮތުން ރާއްޖޭގެ ޓެކްސް ރެސިޑެންޓުން ނޫން ފަރާތްތަކަށް ދޫކުރާ ފައިދާއިން 10 ޕަސެންޓުގެ ރޭޓުން ނޮން-ރެސިޑެންޓް ވިތުހޯލްޑިން ޓެކްސް އުނިކުރުން ލާޒިމުވެއެވެ.
ހަމައެހެންމެ ފައިދާ ދޫކުރާ ވަގުތު އެ ހިއްސާދާރަކީ ރާއްޖޭގެ ޓެކްސް ރެސިޑެންޓެއްކަން ކުންފުންޏަށް ޔަޤީން ނުކުރެވިއްޖެ ނަމަ އެ ޤާނޫނުގެ 55 ވަނަ މާއްދާގެ (ނ) ގެ ފުރަތަމަ ނަންބަރުގެ ދަށުން ޓެކްސް އުނިކުރުމަކީ ކުންފުންޏަށް ލާޒިމު ކަމެކެވެ.
މި މަޢުލޫމާތު އަޕްޑޭޓްކުރުމަށް ބޭނުންވާ ހިއްސާދާރުންނަށް ދެ ގޮތެއް ވެއެވެ. ފުރަތަމަ ގޮތަކީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ) ގެ ޕޯޓަލް މެދުވެރިކޮށް ބަދަލުގެނައުމެވެ. ދެވަނަ ގޮތަކީ ޝެއަރހޯލްޑަރ އިންފޮމޭޝަން ފޯމު ފުރިހަމަކުރުމަށްފަހު ދިރާގުގެ އިންވެސްޓާ ރިލޭޝަންސް އީމެއިލަށް ފޮނުވުމެވެ.
ޑިވިޑެންޑް ދޫކުރުމުގައި ޤާނޫނީ ގޮތުން ޓެކްސް އުނިކުރުމާ ގުޅޭ ގަވާއިދުތަކަށް ފުރިހަމައަށް ޢަމަލުކުރެވޭނީ ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީ މަޢުލޫމާތު ރަނގަޅަށް ބެލެހެއްޓިގެން ކަމަށް ވާތީ ވީ އެންމެ އަވަހަކަށް މި މަޢުލޫމާތު ފުރިހަމަކޮށްދިނުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.