ނިމުނު މަހު ތަރުކާރީގެ އަގު 10.89 އިންސައްތަ ދަށަށް ގޮސް ކާބޯތަކެތީގެ ޖުމްލަ އަގު ހެޔޮވި
ޖުލައި މަހު މާލޭގައި ތަރުކާރީގެ އަގު 10.89 އިންސައްތަ ދަށަށް ދިޔުމާ އެކު ކާބޯތަކެތީގެ ޖުމްލަ އަގު ޖޫން މަހާ އަޅައިބަލާ އިރު 1.81 އިންސައްތަ ހެޔޮވެފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާންމުކުރި ޒަރޫރީ ތަކެތީގެ އަގު އިންޑެކްސް (އީސީޕީއައި) އިން ދައްކައިފިއެވެ.
ތަރުކާރީގެ އިތުރުން މޭވާގެ އަގު ވެސް 1.42 އިންސައްތަ ދަށަށް ގޮސްފައިވެއެވެ. ނަމަވެސް ކިރާއި ކިރުގެ ބާވަތްތަކާއި ބިހުގެ އަގު 0.95 އިންސައްތަ އަދި ތެލާއި ފެޓްސްގެ އަގު 0.74 އިންސައްތަ އުފުލިފައިވެއެވެ.
އަހަރުން އަހަރަށް ބަލާ އިރު ކާބޯތަކެތީގެ އަގު 5.89 އިންސައްތަ މައްޗަށް ގޮސްފައިވެއެވެ. އެންމެ ބޮޑަށް އުފުލިފައި ވަނީ މަހުގެ އަގެވެ. އެއީ 21.43 އިންސައްތައެވެ. ހަކުރާއި ޖޭމާއި މާމުޔާއި ޗޮކޮލެޓާއި ފޮނި ކާތަކެތީގެ އަގު 10.73 އިންސައްތަ، ތެލާއި ފެޓްސް 9.26 އިންސައްތަ އަދި ކިރާއި ކިރުގެ ބާވަތްތަކާއި ބިހުގެ އަގު 9.48 އިންސައްތަ އުފުލިފައިވެއެވެ.
ޖުމްލަ ގޮތެއްގައި މާލޭގެ ޒަރޫރީ ތަކެތީގެ އަގު އިންޑެކްސް ޖުލައި މަހު ހުރީ 120.37 ގައެވެ. މަހުން މަހަށް 1.27 އިންސައްތަ ދަށަށް ދިޔަ ނަމަވެސް، މިދިޔަ އަހަރުގެ ޖުލައިއާ އަޅައިބަލާ އިރު 6.07 އިންސައްތަ މައްޗަށް ގޮސްފައިވެއެވެ.