Advertisement

ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

06 Aug 2026 | 14:00
ރައީސްގެ ދެކަނބަލުންނަށް އުކުޅަހުން މަރުހަބާ ކިޔަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ރައީސް އުކުޅަހަށް ވަޑައިގެންނެވީ އެއް ދުވަހުގެ ދަތުރުފުޅެއްގައި އެވެ.

Advertisement

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ އެންމެ މަތީ އޮޑިޓް އިދާރާތަކުގެ ޖަމިއްޔާ (ސިޑްސް-އެސް.އޭ.އައި) ގެ ސިމްޕޯޒިއަމް ނިންމުމުގެ ރަސްމިއްޔާތާއި އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް (އައި.ޑީ.އައި) ގެ ބައިނަލްއަޤުވާމީ ސަމިޓް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ.

އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކުރިއަށް އޮތް ޖީލުތަކަށް ވިލުންތެރި ދައުލަތްތަކާއި ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދިނުމަށް ނަޒާހަތްތެރިކަމާއި ޖަވާބުދާރީކުރުވުމާއި ދެފުށްފެންނަ އުސޫލުތައް ހަރުދަނާކުރުމުގައި އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އުކުޅަހަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން އެ ރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާއި ގިނަ ޢަދަދެއްގެ ރައްޔިތުން ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އުކުޅަހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއާ ގުޅޭ ކަންކަމާ މެދު މަޝްވަރާކުރައްވައިފައެވެ. މީގެ އިތުރުން ސަރުކާރުން އެ ރަށުގައި ޤާއިމުކުރި ވޮލީ ކޯޓު ހުޅުވައިދެއްވައި ސްޕޯޓްސް ކޮމްޕްލެކްސްގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވައިފައެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ ޕްރޮގްރާމުގެ ތެރެއިން އުކުޅަހުގައި ބޭއްވި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފައިވެއެވެ.

Advertisement

ކޮމެންޓް